ސައުދީ އަރަމްކޯ ތެޔޮ ކާރުހާނާއެއް

ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާގެ ހަކަތައާ ބެހޭ ވަސީލަތްތަކަށް އަލުން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ތިން އިންސައްތައަށްވުރެ މައްޗަށް އުފުލިއްޖެއެވެ.

ޙޫޘީން ބުނެފައިވާ ގޮތުގައި އެ ފަރާތްތަކުން ވަނީ ސައޫދީގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ޔަންބޫގައި ހުންނަ ވަސީލަތްތަކަށާއި ރިޔާޟުގެ ބައެއް ސަރަހައްދުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ.

މި ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ބްރެންޓް ކުރޫޑް ސާފުނުކުރާ ތެޔޮ ފީޕާއެއްގެ އަގު ވަނީ 106 ޑޮލަރަށްވުރެ މައްޗަށް ޖެހިލާފައެވެ. ސައޫދީ އިސްވެއޮންނަ އިއްތިހާދުން ބުނެފައިވަނީ ޙޫޘީން ފޮނުވާލި ހަ ބެލިސްޓިކް މިސައިލް ވައިގެ ތެރޭގައި ގޮއްވާލައި ނައްތާލާފައިވާ ކަމަށެވެ. އަދި މި ހަމަލާތަކުގެ ސަބަބުން ތެޔޮ އުފެއްދުމަށް ނުވަތަ ވަސީލަތްތަކަށް އެއްވެސް ގެއްލުމެއް ލިބުނުކަން ސައޫދީ ސަރުކާރުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މެދުއިރުމަތީގައި އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަމާއި، އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ މައްސަލަތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ކަނޑުގެ ދަތުރުފަތުރާއި ތެޔޮ އުފުލާ މުހިންމު މަގުތަކުގެ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ނަމަ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތެލުގެ އަގު މަތީގައި ހިފެހެއްޓިފައި ހުރުމުގެ ފުރުސަތު ބޮޑެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް