އެކުވެރި ދައުލަތްތަކުގެ (އދ) ޢާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމުން، އިހުތިޖާޖު ކުރުމުގެ ގޮތުން ގިނަ ޢަދަދެއްގެ މަންދޫބުން މާލަން ދޫކުރައްވައި ވަޑައިގެންފިއެވެ.
މިއާއެކު މާލަމުގެ ގިނަ ގޮނޑިތަކެއް ހުސްވި ނަމަވެސް، ބައިނަލްއަޤުވާމީ ފާޑުކިޔުންތަކާއެކުވެސް ނަތަންޔާހޫ ވަނީ ޣައްޒާއަށާއި ސަރަޙައްދީ މުސްލިމް ޤައުމުތަކަށް ދޭ އަސްކަރީ ހަމަލާތަކާއި ޣައްޒާގެ ޤަތުލުޢާންމު ދިފާޢުކޮށްފައެވެ. ނަތަންޔާހޫ ތަޤުރީރު ކުރަމުންދިޔަ ވަގުތު، ފަލަސްޠީނުގެ ޙައްޤުތަކަށް ވާކާލާތުކުރުމަށް އެތައް ހާސް ބަޔަކު ވަނީ އދގެ މައި އިދާރާ ކައިރިއަށް ޖަމާވެ، އޭނާއާ ދެކޮޅަށް އަޑުއުފުލާފައެވެ.
ނަތަންޔާހޫގެ ތަޤުރީރުގެ ކުރިން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ ވީޑިއޯ މެދުވެރިކޮށް އދގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވާފައެވެ. ޢައްބާސް ވިދާޅުވީ، އިސްރާއީލުގެ ޖަރީމާތަކުގެ ސަބަބުން ފަލަސްޠީނު ރައްޔިތުންގެ ދެމިއޮތުމަށް ނުރައްކާވެ، ދެ ދައުލަތުގެ ޙައްލު ގެއްލިފައިވާ ކަމަށެވެ. އަދި ޣައްޒާގައި ޝަހީދުކުރުމާއި، ބަނޑުހައިހޫނުކަމާއި، ގަދަބާރުން ގެދޮރުން ބޭރުކުރުމުގެ އިތުރުން ނަސްލުހޭދުގެ ޖަރީމާއަކާ ކުރިމަތިލަމުންދާއިރު، ހުޅަނގު އައްސޭރީގައި ވަޒަންވެރިކުރުވުން އަވަސްކުރަމުންދާ ކަމަށާއި، "ބޮޑު އިސްރާއީލު" ދައުލަތެއް ހެދުމަށް ހަރުކަށި ފަރާތްތަކުން މަސައްކަތްކުރާ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.
ދެ ދައުލަތުގެ ޙައްލު ދެމެހެއްޓުމަށް ގޮވާލައްވަމުން، އަސްކަރީ އިސްތިޢުމާރާއި ވަޒަންވެރިންގެ ނިރުބަވެރިކަމުން އެ ކަން ޙާޞިލުނުވާނެ ކަމުގައި ޢައްބާސް ވިދާޅުވިއެވެ. ފަލަސްޠީނުގެ ވަފުދަށް ވިސާ ދިނުމަށް ޖެހިޖެހިގެން ދެވަނަ އަހަރަށް އެމެރިކާއިން ދެކޮޅުހެދުމުން އެ ކަމަށް ފާޑުވިދާޅުވެ، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި ފަލަސްޠީނުގެ ބިންތައް ފޭރިގަތުން ހުއްޓުވުމުގެ ވަޢުދު ފުއްދުމަށް އެމެރިކާއަށް އޭނާ ގޮވާލެއްވިއެވެ. މީގެ އިތުރުން، އިސްރާއީލުގެ ވަޒަންވެރިން އުފައްދާ އުފެއްދުންތައް އެތެރެކުރުން މަނާކޮށްފައިވާ ޤައުމުތަކަށް ޝުކުރު އަދާކުރައްވައި، ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުނުކުރެވޭނެ ކަމަށާއި މުސްތަޤުބަލު ކަނޑައެޅުމުގެ ފުރުޞަތު ބޭރުގެ ބަޔަކަށް ނުދެއްވާނެ ކަމަށް ޢައްބާސް ވިދާޅުވިއެވެ.





