ކެރީބިއަން ކަނޑާއި ޕެސިފިކް ކަނޑުގައި މަސްތުވާތަކެތި އުފުލާ ކަމަށް ތުހުމަތުކޮށް އެމެރިކާގެ އަސްކަރިއްޔާއިން އުޅަނދުފަހަރަށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، އަދި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ހާއްސަ ރެޕަޓުއާ ބެން ސޯލް ނެރުއްވި ރިޕޯޓެއްގައި ބުނެފިއެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޝަރީއަތަކާ ނުލައި މީހުން މެރުމުގެ ގޮތުގައި ހިންގާ މި ހަމަލާތަކަކީ އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެކެވެ.
2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެމެރިކާއިން ދިން 70 އަށްވުރެ ގިނަ ހަމަލާގައި 230 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އެމެރިކާއިން ދިފާއުގައި ބުނަމުންދަނީ މިއީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށާއި ނިރުބަވެރިކަމާ ދެކޮޅަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. ނަމަވެސް އދ.ގެ ރިޕޯޓުގައި ބުނެފައިވަނީ، ހަމަލާ އަމާޒުވި އުޅަނދުތަކުގައި ތިބި މީހުންނަކީ އެމެރިކާއަށް ސީދާ އަސްކަރީ ހަމަލާއެއް ދިނުމުގެ ގާބިލުކަން ނުވަތަ އަމާޒެއް އޮތް ބައެއް ނޫން ކަމަށާއި، އެހެންކަމުން އަމިއްލަ ދިފާއުގައި ދިން ހަމަލާތަކެއް ކަމަށް ބުނާ ބުނުން ގާނޫނީ ގޮތުން ގަބޫލެއް ނުކުރެވޭނެ ކަމަށެވެ.
މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ކުށްނެތް އާންމު މަސްވެރިން ހިމެނޭ ކަމަށް ހިއުމަން ރައިޓްސް ޖަމާއަތްތަކުންނާއި މަރުވި މީހުންގެ އާއިލާތަކުން ދަނީ ބުނަމުންނެވެ. އދ.އިން ވަނީ މި ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ހާދިސާތަކުގެ މިނިވަން ތަހުގީގެއް ހިންގައި، ކުށްވެރިވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެމެރިކާގެ ސަރުކާރަށް ގޮވާލާފައެވެ.





