ޔަމަނުގެ ކަންކަމުގެ ތެރެއަށް ބޭރުގެ ގައުމުތަކުން ނުފޫޒުފޯރުވައި އަސްކަރީ ގޮތުން ވަދެގަންނަން މަސައްކަތްކޮށްފިނަމަ، ރަތްކަނޑުގެ އެންމެ މުހިންމު ސަރަހައްދު ކަމަށްވާ ބާބުލް މަންދަބު ކަނޑުއޮޅި އެއްކޮށް ބަންދުކޮށްލާނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫޘީ ޖަމާއަތުން ދީފިއެވެ. ހޫޘީންގެ މި އިންޒާރު އައިސްފައިވަނީ ޔަމަނުގެ ހުޅަނގު އައްސޭރިފަށުގެ މުހިންމު ސަރަހައްދުތަކާއި ރަތްކަނޑުގެ ބަނދަރުތަކުގެ ކޮންޓްރޯލް އެ ޖަމާއަތުން ހޯދައި، އަސްކަރީ ކުރިއެރުންތަކެއް ހޯދަމުންދާ ދަނޑިވަޅެއްގައެވެ.
ބާބުލް މަންދަބު ކަނޑުއޮޅިއަކީ ދުނިޔޭގެ ކަނޑު ވިޔަފާރީގެ ބޮޑު އިންސައްތައަކާއި، ތެލާއި ގޭސް އުފުލާ ކަނޑުއުޅަނދުފަހަރު ދަތުރުކުރާ އެންމެ މުހިންމު އެއް މަގެވެ. ހޫޘީން ބުނެފައިވަނީ، ބޭރުގެ އަސްކަރީ ބާރުތަކުން އެ ސަރަހައްދަށް އަތްބާނައި ޙަމަލާދޭނަމަ، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ޙަމަލާދީ، ދަތުރުފަތުރު މުޅިން ހުއްޓުވުމުގެ ގާބިލުކަން އެމީހުންގެ ކިބައިގައި އެބަހުރި ކަމަށެވެ. އަދި ބޭރުގެ ނުފޫޒުތަކުން ކުރާ ކަންކަމުގެ ނަތީޖާ އުފުލަންޖެހޭނީ އޭގެ ފަހަތުގައިވާ ގައުމުތަކުން ކަމަށްވެސް އެ ޖަމާއަތުން ވަނީ ބުނެފައެވެ.
މި އިންޒާރާ ގުޅިގެން ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާއި ވިޔަފާރި ކުންފުނިތަކުން ވަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައެވެ. ރަތްކަނޑުގެ މަގު ބަންދުވެއްޖެނަމަ، އުޅަނދުފަހަރަށް ޖެހޭނީ އެފްރިކާގެ ދެކުނު ބިތުން ވަށާލާފައި ކުރާ ދިގު މަގުން ދަތުރުކުރާށެވެ. މިއީ ދުނިޔޭގެ މުދަލުގެ އަގުތައް އުފުލި، ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމެއް ކަމަށް އިގުތިސާދީ މާހިރުން އަންދާސާކުރެއެވެ.





