ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާއަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި އާންމުންގެ 73 މީހަކު ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސް އޮފިޝަލުން ހާމަކުރައްވައިފިއެވެ.
ސައޫދީ އިސްނަގައިގެން އެކުލަވާލާފައިވާ ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ ވިދާޅުވީ، ހޫޘީ ހަނގުރާމަވެރިން މި ހަމަލާތައް އަމާޒުކޮށްފައިވަނީ ސައޫދީގެ ދެކުނުގެ ސަރަހައްދުތަކުގައި ހުރި އާންމުން ދިރިއުޅޭ ތަންތަނަށާއި އިގްތިސާދީ މަރުކަޒުތަކަށް ކަމަށެވެ. މި ހަމަލާތަކުގެ ޝިކާރައަކަށްވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ހަމަލާތައް އަމާޒުވެފައިވަނީ އަބްހާ، ޚަމީސް މުޝައިތު، ޖާޒާން އަދި ނަޖްރާން ފަދަ ސަރަހައްދުތަކަށެވެ. ކޯލިޝަނުން ހާމަކުރި ގޮތުގައި، އާންމު ރައްޔިތުންނާއި އާންމު އުމްރާނީ ވަސީލަތްތަކަށް ގަސްދުގައި ދެމުންދާ މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ސީދާ ޚިލާފު އަމަލުތަކެކެވެ.
ޔަމަނުގެ އެތެރޭގެ ހަނގުރާމަ އަނެއްކާވެސް ވަރުގަދަވަމުން އަންނަ ދަނޑިވަޅެއްގައި، ސަރަހައްދީ ރޮނގު ހުރަސްކޮށް ސައޫދީއަށް ދެވޭ މިފަދަ ހަމަލާތައް އިތުރުވަމުންދާތީ ސަރަހައްދީ ސަލާމަތަށް ވަނީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައެވެ.





