ހުރުމުޒް ކަނޑުއޮޅިން ބޭރު ސަރަހައްދެއްގައި ހާއްސަ ހިމާޔަތްކުރެވިފައިވާ ނުވަތަ، ވަނުން މަނާ ސަރަހައްދެއް (ރެސްޓްރިކްޓެޑް ޒޯން) ކަނޑައަޅައި، ކުރިއަށް އޮތް ދުވަސްތަކުގައި އެކަން އިއުލާނުކުރާނެ ކަމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެސްއެންއެސްސީ) ގެ ސެކްރެޓަރީ މުހުސިން ރިޒާއީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި ރިޒާއީ ވިދާޅުވީ، އަލަށް ކަނޑައަޅާ މި ސަރަހައްދު ދެމިގެންދާނީ އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން ގާއިމުކޮށްފައިވާ ބްލޮކޭޑް ލައިނުން ފެށިގެން ހުރުމުޒް ކަނޑުއޮޅި ހުރަސްކޮށް ޕާޝިއަން ގަލްފުގެ އެތެރެއާ ހަމައަށެވެ. އަދި، އީރާނުގެ ހުއްދައަކާ ނުލައި އެ ސަރަހައްދަށް ވަންނަ ކޮންމެ އުޅަނދެއް އީރާނުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓަށް (ސެންކްޝަންސް ލިސްޓު) އިތުރުކުރެވޭނެ ކަމަށްވެސް އޭނާ އިންޒާރު ދެއްވިއެވެ.
ރިޒާއީ އިތުރަށް ވިދާޅުވީ، ހުރުމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން މިހާރު މުޅިން ބަންދުކޮށްފައިވާ ކަމަށާއި، އެ ކަނޑުއޮޅިން ބޯޓުފަހަރު ދަތުރުކުރަމުންދާ ކަމަށް އެމެރިކާއިން ބުނަނީ ހަގީގަތާ ހިލާފަށް ކަމަށެވެ. ހަމައެއާއެކު، އޮމާން ކައިރިން ބައެއް އުޅަނދުތައް ދަތުރުކުރަން އުޅޭއިރު، އެފަދަ އުޅަނދުތައް އެއްކޮށް ފައްތާނުލަނީ ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އޮމާނާ ގުޅިގެން ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރާނެ އައު މަގެއް ކަނޑައެޅުމުގެ އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށާއި، އެ މަގުން ވަދެނިކުތުން ބަލަހައްޓާނީ އީރާނުގެ ބާރުގެ ދަށުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.





