އެޑިޑާސްގެ ކެމްޕޭނެއްގައި އިސްރާއީލު ސިފައިންގެ މީހަކު ހިމެނުމުން ބޮއިކޮޓްކުރަން ގޮވާލައިފި

ދުނިޔޭގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި އެޑިޑާސްގެ ކެމްޕޭނެއްގައި އިސްރާއީލު ސިފައިންގެ ކުރީގެ މީހަކު ބޭނުންކުރުމާ ގުޅިގެން އެ ކުންފުނީގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލާ އަޑުތައް ގަދަވެއްޖެއެވެ.

މި ކެމްޕޭނަކީ އެއްފައި ނެތް ނުވަތަ އެއްފައި ބުރިވެފައިވާ މީހުންނަށް ޖޯޑެއްގެ ބަދަލުގައި އެންމެ ބޫޓެއް ގަނެވޭ ގޮތަށް އެ ކުންފުނިން ފެށި ހިދުމަތެއް އިސްތިހާރުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި ބައިވެރިކޮށްފައިވަނީ 2021 ވަނަ އަހަރު ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގި އުދުވާނުގައި ބައިވެރިވެ ފައި ބުރިވި އިސްރާއީލުގެ ސިފައިންގެ ކުރީގެ މީހެއް ކަމަށްވާ ޝާލެވް ބިޓޯން އެވެ. އިސްރާއީލުގެ ފިހާރަތަކުގައި އޭނާގެ ފޮޓޯތައް ބޭނުންކޮށްގެން މި ހިދުމަތް އިސްތިހާރުކުރުމުން، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި އާންމުންގެ ބޮޑު ނުރުހުމެއް ވަނީ އަމާޒުވެފައެވެ.

މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރި ފަރާތްތަކުން ފާހަގަކުރި ގޮތުގައި އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި އެތައް ހާސް ފަލަސްތީނު ރައްޔިތުންނާއި ކުޑަކުދިންގެ ގުނަވަންތައް ވަކިވެފައިވާއިރު، އެފަދަ ހަމަލާތަކެއްގައި ބައިވެރިވި ސިފައިންގެ މީހަކު މިފަދަ ކަމެއްގައި އިސްތިހާރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެޑިޑާސް ބޮއިކޮޓްކުރުމުގެ ކެމްޕޭނެއް ހިންގަމުންނެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން އެޑިޑާސް ކުންފުނިން ބުނެފައިވަނީ އެއް ބޫޓު ގަނެވޭ ގޮތަށް ތައާރަފުކުރި ހިދުމަތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ އާންމު ހަރަކާތެއް ކަމަށެވެ. އަދި މިއީ ވަކި ހާއްސަ ބަޔަކަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެއް ނޫން ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް