މެލޭޝިއާގެ ސަރަވަކް ސަރަޙައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން ވައި ތަޣައްޔަރުވެ ނުރައްކާތެރި މިންވަރަކަށް ދުން ބޯވުމާ ގުޅިގެން، މެލޭޝިއާގެ ސަރަވަކް ސްޓޭޓުގެ ސެރިއަން ސަރަޙައްދުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފިއެވެ.

މި ނިންމެވުން ނިންމަވާފައިވަނީ ވައިގެ ސާފުމިން ބަލާ މިންގަނޑުން ނުރައްކާތެރި މިންވަރެއް ކަމަށްވާ 500 އަށްވުރެ މައްޗަށް އެ ސަރަޙައްދުގެ އިންޑެކްސް އަރައިގެން ދިއުމާ ގުޅިގެންނެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، ސެރިއަން ސަރަޙައްދުގައި ކުއްލި ޙާލަތު އިޢުލާންކުރެއްވުމަށް އެ ޤައުމުގެ ރަސްގެފާނު ސުލްޠާން އިބްރާހީމް ވަނީ ހުއްދަ ދެއްވާފައެވެ. އެ އޮފީހުން ފާހަގަކުރެއްވި ގޮތުގައި މި ފިޔަވަޅަކީ އާންމުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅިގެން، ސެރިއަން ސަރަޙައްދުގެ ސްކޫލްތަކާއި، ސަރުކާރުގެ އަދި އަމިއްލަ އޮފީސްތަކުގެ އިތުރުން ދަނޑުވެރިކަމާއި ޢިމާރާތްކުރުމުގެ މަސައްކަތްތައް ވެސް ވަނީ މެދުކަނޑާލާފައެވެ. އަދި ޒަރޫރީ ޚިދުމަތްތައް ފިޔަވައި އެހެނިހެން ހުރިހާ ޚިދުމަތްތަކަކާއި ބޭރުތެރޭގައި ކުރިއަށްގެންދާ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

ސަރަވަކްގެ ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދޭ ގޮތުގައި، ދުމުގެ އަސަރު ކުޑަކުރުމަށްޓަކައި ވިލާތަކަށް ކެމިކަލް އަޅައިގެން ވާރޭ ވެއްސުމުގެ ޚާއްޞަ އޮޕަރޭޝަނެއް މެލޭޝިއާގެ ވައިގެ ސިފައިންނާ ގުޅިގެން ދަނީ ކުރިއަށް ގެންދަމުންނެވެ. އިންޑޮނީޝިއާގެ ކަލިމަންތާން ސަރަޙައްދުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން އަވަށްޓެރި ޤައުމުތަކަށް ކޮންމެ އަހަރަކުވެސް މިފަދަ ދުމުގެ ނޭދެވޭ އަސަރު ފޯރަމުންދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް