އެމެރިކާއިން ވެނެޒުއޭލާގެ ތެލުގެ ބޮޑު ރިޒާވެއް ބޭނުންކުރުމުގެ ފުރުސަތު ހޯދާފައިވީ ނަމަވެސް، އެކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަވަސް މުއްދަތެއްގެ ތެރޭގައި ހެޔޮވެގެން ނުދާނެ ކަމަށް މާލީ އަދި ހަކަތައާ ބެހޭ ދިރާސާވެރިން ބުނެފިއެވެ.
ވެނެޒުއޭލާގައި 65 ބިލިއަނަށްވުރެ ގިނަ ބެރެލްގެ ތެޔޮ ހުރި ކަމަށް ބެލެވުނު ނަމަވެސް، ތެލުގެ އަގަށް އޭގެ އަސަރު ކުރަން އަހަރުތަކެއް ނަގާނެއެވެ. ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، ވެނެޒުއޭލާގެ ތެޔޮ އުފައްދާ ވަސީލަތްތައް ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެހެންކަމުން، އެ ވަސީލަތްތައް އަލުން ބޭނުންކުރެވޭ ފެންވަރަށް ގެނައުމަށް އެކަނިވެސް 10 ބިލިއަނާއި 20 ބިލިއަން ډޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއް ބޭނުންވާނެއެވެ.
އޭގެ އިތުރުން، ވެނެޒުއޭލާއިން ނަގާ ތެލަކީ އާންމުކޮށް "ހެވީ ކުރޫޑް" އޮލަކަން ބޮޑު ތެޔޮ ކަމަށްވުމުން، އެ ތެޔޮ ސާފުކޮށް ބޭނުންކުރެވޭ ފެންވަރަށް ގެނައުމަށް ހާއްސަ ރިފައިނަރީތަކެއް ބޭނުންވެއެވެ. އަދި ދުނިޔޭގެ ސިޔާސީ މަޝްރަހުގައި އުފެދިފައިވާ ނުތަނަވަސްކަމާއި، ހޯރްމުޒް ކަނޑުއޮޅި ފަދަ މުހިންމު މަގުތަކުން ތެޔޮ އުފުލުމަށް ހުރި ހުރަސްތަކުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދިއުމަށް ވެނެޒުއޭލާގެ ތެލުން އަވަސް ހައްލެއް ނުލިބޭނެއެވެ.





