އެމެރިކާއާއެކު ކުރަމުންދާ ހަނގުރާމަ އީރާނުން ނިންމާލަންވީ ވަގުތު ޖެހިއްޖެ ކަމަށާއި، މި ހަނގުރާމަ ނިންމާލަންވާނީ އީރާނަކީ ވަރުގަދަ ބާރެއްގެ ގޮތުގައި އޮވެގެން ކަމަށް އެ ޤައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ. ޑޮކްޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ޕެޒެޝްކިއަން ފާހަގަކުރެއްވީ، އީރާނަކީ ބާރުވެރި އަދި އަބުރުވެރި ޤައުމެއްގެ ގޮތުގައި އޮތް މި ދަނޑިވަޅުގައި ހަނގުރާމަ ނިންމާލުން މާ ރަނގަޅުވާނެ ކަމަށެވެ.
އީރާނުގެ ރައީސް މިހެން ވިދާޅުވެފައިވަނީ، އެ ޤައުމަށް އިޤްތިޞާދީ ގޮތުން އިތުރު ދަތިތަކެއް ކުރިމަތިކުރުވުމަށްޓަކައި އެމެރިކާއިން ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ މި ނިންމުމާ ގުޅިގެން އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ އެމެރިކާއިން ހިންގަނީ އިޤްތިޞާދީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް ބުނެ އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މީގެ އިތުރުން، އެމެރިކާއިން އީރާނުގެ ސްކޫލްތަކަށާއި، ހޮސްޕިޓަލްތަކަށާއި އަދި އަސާސީ އުމްރާނީ ވަސީލަތްތަކަށް ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހަމަލާދީފައިވާ ކަމަށް ރައީސް ޕެޒެޝްކިއަން ތުހުމަތު ކުރެއްވިއެވެ. އަދި މުޅި ދުނިޔެވެސް މިއަދު އެމެރިކާގެ މި އަމަލުތައް ކުށްވެރިކުރާ ކަމަށާއި، އީރާނުން ހޯދި ކާމިޔާބީ ދުނިޔޭގެ ޤައުމުތަކުން ބަލައިގަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމެރިކާއާއި އިސްރާއީލުން ފެށި މި ހަނގުރާމައަށް މަސްތަކެއް ވެގެން ގޮސްފައިވާއިރު، ދެ ފަރާތުގެ ދެމެދުގައި ކުރިއަށްދިޔަ މަޝްވަރާތައް މިހާރު ވަނީ މެދުކެނޑިފައެވެ. މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ މަސްރަޙު ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ބައެއް ސަރަޙައްދުތައް ބަންދުކޮށްފައެވެ. އަދި އެމެރިކާގެ ކަނޑުގެ ސިފައިން ދަނީ އެ ސަރަޙައްދުގައި އީރާނާ ދެކޮޅަށް ޚާއްޞަ ހަރަކާތްތަކެއް ހިންގަމުންނެވެ.




