ޓްރަމްޕްގެ އެންމެ ފަހުގެ ޕްލޭން އޮއްވައި އިސްރާއީލުން ދޭ ހަމަލާތައް ވަރުގަދަކޮށް ޣައްޒާއިން 19 މީހުން ޝަހީދުކޮށްލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސުލްހައިގެ އެންމެ ފަހުގެ ޕްލޭން ހުށަހެޅުއްވި ނަމަވެސް، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށް ދިން އައު ހަމަލާތަކެއްގައި މަދުވެގެން 19 މީހުން ޝަހީދުވެއްޖެއެވެ.

ޣައްޒާގެ ސިއްހީ މަސްއޫލުވެރިން މައުލޫމާތު ދޭ ގޮތުގައި، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ ތަފާތު ސަރަހައްދުތަކަށް ބޮން އަޅައި، އާންމުން ދިރިއުޅޭ ގެތަކަށާއި ރައްކާތެރިކަން ހޯދައިގެން ތިބި މީހުންގެ ފެސިލިޓީތަކަށް އަމާޒުކޮށް ހަމަލާތައް ދީފައެވެ.

މި ހަމަލާތަކުގައި 19 މީހުން ޝަހީދުވުމުގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ނުރައްކާތެރިކޮށް ޒަޚަމްވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންކަމަށް ރިޕޯޓުތައް ބުނެއެވެ.

 "ސުލްހައިގެ ވާހަކަތަކާއި ޕްލޭންތަކުގެ ވާހަކަ ބައިނަލްއަގުވާމީ މީޑިއާތަކުގައި ދެކެވުނު ކަމުގައި ވިޔަސް، ބިންމަތީގައި އިސްރާއީލުގެ އުދުވާންތައް ދަނީ އިތުރަށް ވަރުގަދަވަމުން. އާންމު ރައްޔިތުންގެ ފުރާނަ ދަނީ ކޮންމެ ވަގުތަކުވެސް ނުރައްކަލަށް ހުށަހެޅެމުން." ޢައްޒާގެ ސިއްހީ އޮފިޝަލެއް

ރައީސް ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމުގައި ހަމަލާތައް ހުއްޓާލުމަށާއި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ގޮވާލާފައިވީ ނަމަވެސް، އިސްރާއީލުން ހަމަލާތައް އިތުރަށް ވަރުގަދަކުރުމުގެ ސަބަބުން މަޝްވަރާތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ސިޔާސީ މާހިރުން ފާހަގަކުރާ ގޮތުގައި އިސްރާއީލުގެ މި އަމަލުތަކުގެ ސަބަބުން ސުލްހައިގެ އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތު އިތުރަށް ހަނގުވެ، ސަރަހައްދީ ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް