އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ދެކުނުގެ މަދަނީ ވަސީލަތްތަކާއި އިންފްރާސްޓްރަކްޗާއަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައި، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އެމެރިކާގެ ސިފައިންނާއި އަސްކަރީ މަރުކަޒުތަކަށް މަރުހަބާ ކިޔާ ގައުމުތަކަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. އައިއާރްޖީސީން ބުނީ އެ ގައުމުތަކުން އީރާނުގެ "މުނާސިބު ރައްދަކަށް" ތައްޔާރުވާން ޖެހޭނެ ކަމަށެވެ.
އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް އާންމުކުރި އައިއާރްޖީސީގެ ބަޔާނުގައި ބުނެފައިވަނީ، އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އުދުވާނުތަކުގައި އެއްވެސް ގައުމެއްގެ ބިމެއް ނުވަތަ ވައިގެ ސަރަހައްދެއް ބޭނުންކުރުމުގެ ހުއްދަ ދީފިނަމަ، އެ ގައުމަކީ އީރާނުގެ ސީދާ އަސްކަރީ އަމާޒަކަށް ވެގެންދާނެ ކަމަށެވެ.
މެދުއިރުމަތީގެ ގައުމުތައް ކަމަށްވާ ބަހުރޭން، ކުވެއިތު، ގަތަރު، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގައި އެމެރިކާގެ ބޮޑެތި އަސްކަރީ މަރުކަޒުތަކާއި އެތައް ހާސް ސިފައިންނެއް ހަރަކާތްތެރިވަމުންދެއެވެ.
"އަހަރެމެން މި ދެނީ ސާފު އަދި އެންމެ ފަހުގެ އިންޒާރު. އެމެރިކާގެ ޓެރަރިސްޓު ސިފައިންނަށް ފުރުސަތުދީ، އަހަރެމެންގެ ބިމަށާއި ރައްޔިތުންނަށް ހަމަލާދިނުމަށް މަގުފަހިކޮށްދޭ ކޮންމެ ގައުމަކަށް އޭގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ. އީރާނުގެ ދިފާއީ ރައްދު ހަމަލާ ހަމައެކަނި އެމެރިކާއަކަށް ނޫން، އެމީހުންނަށް ވާގިވެރިވާ ފަރާތްތަކަށް ވެސް އަމާޒުވާނެ." އައިއާރުޖީސީގެ ބަޔާނުގައި ބުނެއެވެ.
އީރާނުން މިހާރުވެސް ބަހުރޭން އަދި ކުވެއިތުގައި ހުރި އެމެރިކާގެ އަމާޒުތަކަށް މިސައިލް ހަމަލާތަކެއް ދީފައިވާތީ، މި އައު އިންޒާރާއެކު ގަލްފުގެ އެހެން ގައުމުތަކަށް ވެސް ހަނގުރާމައިގެ ބިރުވެރިކަން ވަނީ އިންތިހާއަށް ފެތުރިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން މަޝްވަރާއަށް ނައިސްފިނަމަ އިތުރު ހަމަލާތައް ދޭނެ ކަމަށް ވިދާޅުވެފައިވާއިރު، އީރާނުގެ ސުޕްރީމް ލީޑަރު އަޔާތުالله ސައްޔިދު މުޖްތަބާ ޚާމަނާއީގެ އިރުޝާދުގެ ދަށުން އީރާނުގެ އަސްކަރިއްޔާ އޮތީ އެންމެ މަތީ ތައްޔާރީ ހާލަތެއްގައެވެ. މި ސަރަހައްދުގެ ގައުމުތަކުން މިހާރު ދަނީ ކުއްލި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.



