އިސްރާއީލަށް އެންމެ ބޮޑަށް ތާއީދުކުރި އެމެރިކާގެ ސެނެޓަރު ލިންޑްސީ ގްރަހަމް މަރުވެއްޖެ

އެމެރިކާގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ، އަދި އިސްރާއީލުގެ ސިޔާސަތުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި އެންމެ ބޮޑަށް ވަކާލާތުކުރި އެމެރިކާގެ ސެނެޓަރު ލިންޑްސީ ގްރަހަމް މަރުވެއްޖެއެވެ. އޭނާ މަރުވުމާ ގުޅިގެން އެމެރިކާގެ ރިޕަބްލިކަން ޕާޓީއަށާއި، ސިޔާސީ މަސްރަހަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.

ސައުތު ކެރޮލައިނާގެ ސެނެޓަރުގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުނު ގްރަހަމް އަކީ އެމެރިކާގެ ކޮންގްރެސްގައި އިސްރާއީލުގެ އެންމެ ގާތް އަދި އެންމެ އަޑުގަދަ އެކުވެރިޔާގެ ގޮތުގައި ބެލެވުނު މީހެކެވެ.

މެދުއިރުމަތީގެ މަސްރަހުގައި އިސްރާއީލުން ހިންގާ ހުރިހާ އަސްކަރީ ހަރަކާތްތަކަކަށް ފާޅުގައި ހިތްވަރުދީ، އެ ގައުމަށް އެމެރިކާއިންދޭ މާލީ އަދި އަސްކަރީ އެހީތެރިކަން ދިފާއުކުރުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.

ހާއްޞަކޮށް އީރާނުގެ ނިއުކްލިއާ މަޝްރޫޢާ ދެކޮޅަށްނާއި، އީރާނަށް ސީދާ އަސްކަރީ ހަމަލާތައް ދިނުމަށް އެމެރިކާގެ ސަރުކާރުތަކަށް އެންމެ ބޮޑަށް ބާރުއެޅި އެއް ލީޑަރަކީވެސް ގްރަހަމްއެވެ.

މިހާރު މެދުއިރުމަތީގައި އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ވަރުގަދަ އަސްކަރީ ކުރިމަތިލުންތަކާއި، ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ނުރައްކާތެރި ދަނޑިވަޅެއްގައި ގްރަހަމް މަރުވުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކަށް ލިބުނު ބޮޑު ލޮޅުމެއް ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އޭނާއަކީ ދާދިފަހުންވެސް ގަލްފުގެ ގައުމުތަކަށް އީރާނުން ދިން ހަމަލާތަކާ ގުޅިގެން، އީރާނުގެ ސުންނާފަތިކޮށްލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ވަރަށް ބޮޑަށް ވަކާލާތުކުރި މީހެކެވެ.

"ލިންޑްސީ ގްރަހަމްއަކީ އެމެރިކާގެ ސިޔާސަތު މެދުއިރުމަތީގައި ބައްޓަންކުރުމުގައި، ހާއްޞަކޮށް އިސްރާއީލުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގައި އެންމެ ނުފޫޒުގަދަ އެއް ތަނބު. އޭނާގެ ވަކިވުމަކީ ކޮންގްރެސްގެ ތެރޭގައި އިސްރާއީލަށް އޮތް އެންމެ ވަރުގަދަ އަޑު މަޑުވެގެންދިޔުން." އެމެރިކާގެ އެނަލިސްޓަކު ބުންޏެވެ.

ގްރަހަމް މަރުވުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުރުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފުން ހިތާމައެއް ފާޅުކުރައްވައި، އޭނާއަކީ އިސްރާއީލުގެ ހަގީގީ މިތުރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް