އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޒާރު ކުރައްވަމުން ވިދާޅުވީ، އެމެރިކާއިން އީރާނަށް ބިރުދެއްކުމާއި އިންޒާރުދިނުމުގެ ސިޔާސަތު ކުރިއަށްގެންދާނަމަ، ދެ ގައުމުގެ މެދުގައި އާ އެއްބަސްވުމަކާ ބެހޭގޮތުން އެއްވެސް މަޝްވަރާއެއް ނުކުރެވޭނެ ކަމަށެވެ.
އަރާގްޗީ ބަޔާންކުރެއްވި ގޮތުގައި، މަޝްވަރާގެ މޭޒަށް ދިއުމުގެ ކުރިން އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ މާހައުލެއް އޮންނަންޖެހެއެވެ.
އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކާއި އަސްކަރީ ބިރުދެއްކުންތައް ބޭނުންކޮށްގެން އީރާނު މަޝްވަރާއަށް މަޖުބޫރުކުރުވަން އުޅުމަކީ ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުން އަބަދުވެސް ތައްޔާރަށް އޮތީ ހަމަހަމަ އަދި އިންސާފުވެރި މަޝްވަރާތަކަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނިއުކްލިއާ އެއްބަސްވުމާއި ސަރަހައްދީ ހަމަޖެހުމާ ބެހޭގޮތުން ވާހަކަދެއްކުމަށް އެމެރިކާއިން ބޭނުންވި ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ހަރުކަށި އުކުޅުތަކުގެ ސަބަބުން ޑިޕްލޮމެޓިކް ދޮރުތައް ބަންދުވަމުންދާކަން އީރާނުން ހާމަކުރެއެވެ. ޓްރަމްޕްގެ ކުރީގެ ދައުރުގައިވެސް އީރާނާއެކު އޮތް އެއްބަސްވުންތަކުން ވަކިވެފައިވާތީ، އެމެރިކާގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.
އިންޒާރުދީގެންނާއި ބިރުދައްކައިގެން އީރާނާއެކު އެއްވެސް މުއާމަލާތެއް ނުކުރެވޭނެ. މަޝްވަރާ ކުރަން ބޭނުންނަމަ އެންމެ ފުރަތަމަ ޖެހޭނީ ހަރުކަށި ސިޔާސަތުތައް ދޫކޮށްލަން. އަރާގްޗީ ވިދާޅުވިއެވެ.



