ފަލަސްތީނުގެ ރައްޔިތުންނަށް އީޔޫއަށްވުރެ ބޮޑަށް އެހީތެރިވާ ބަޔަކު ނެތް: ވޮން ޑެރ ލޭއަން

ޔޫރަޕްގެ އިއްތިހާދު (އީޔޫ) ގެ ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑެރ ލޭއަން ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޔޫރަޕްގެ އިއްތިހާދަށްވުރެ ބޮޑު ހިއްސާއެއްވާ އެހެން އެއްވެސް ބަޔަކު ދުނިޔޭގައި ނެތް ކަމަށެވެ.

ވޮން ޑެރ ލޭއަން ވިދާޅުވި ގޮތުގައި، އީޔޫއަކީ ފަލަސްތީނަށް އެންމެ ގިނައިން މާލީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތެވެ. ޣައްޒާއާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށާއި، ތައުލީމާއި ސިއްހީ ދާއިރާ ކުރިއެރުވުމަށް އީޔޫއިން ބޮޑެތި ހޭދަތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އދ. ގެ ރިފިއުޖީ އެޖެންސީ (އުންރުވާ) އަށްވެސް އެންމެ ބޮޑު އެހީއެއް ދޭ އެއް ބަޔަކީ އީޔޫ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ދެ ދައުލަތް ގާއިމުކުރުމުގެ ސިޔާސަތަށް އީޔޫއިން އަބަދުވެސް ތާއީދުކުރާ ކަމަށް ފޮން ޑެރ ލޭއަން ވިދާޅުވިއެވެ. އަދި ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ގާއިމުކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި އީޔޫއިން ސިޔާސީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.

ވޮން ޑެރ ލޭއަން މިހެން ވިދާޅުވި ނަމަވެސް އިޒްރޭލް އައްޒާގައި ނަސްލުނައްތާލުމުގެ އަމަލުތަކުގައި އީޔޫ ގައުމުތަކުގެ އެހީ ލިބެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް