ޖެރެޑް ކުޝްނާގެ އިންވެސްޓްމަންޓް ކުންފުނި "އެފިނިޓީ ޕާޓްނާސް" އާއި އިވަންކާ ޓްރަމްޕާ ގުޅުންހުރި، 1.4 ބިލިއަނާއި 1.6 ބިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި ރިސޯޓް މަޝްރޫއަކާ ދެކޮޅަށް، އަލްބޭނިއާގެ އެތައް ހާސް ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާކުރާތާ މިއަދަށް މީ ފަސްވަނަ ދުވަހެވެ.
މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ ތިމާވެށީގެ ގޮތުން ނާޒުކު އަދި ހާއްސަ ސަމާލުކަމެއް ދީފައިވާ ސަރަހައްދުތަކެއްގައެވެ. އޭގެ ތެރޭގައި މީހުން ދިރިނޫޅޭ "ސަޒާން" ރަށާއި، ފްލެމިންގޯ އާއި ވެލާ އަދި ތަފާތު ދިރުންތަކުގެ މާހައުލެއް ކަމަށްވާ ހިމާޔަތްކޮށްފައިވާ "ވްޖޯސާ-ނާޓާ" ޗަސްބިން ހިމެނެއެވެ.
މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި، ބޮޑުވަޒީރު އެޑީ ރާމާގެ ސަރުކާރުން ވަނީ ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ދިނުމަށްޓަކައި، ހިމާޔަތްކޮށްފައިވާ ބިންތަކާ ބެހޭ ގާނޫނުތަކަށް ސިއްރިއްޔާތުގައި ބަދަލުތަކެއް ގެނެސްފައެވެ.
ތިމާވެށީގެ ދިރުންތައް ނެތިގެންދާކަން ރަމްޒުކޮށްދިނުމުގެ ގޮތުން، ވައިޖަހާފައިވާ ފްލެމިންގޯތައް ހިފައިގެން ނުކުތް މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ.

އަދި ބިން ހޯދުމުގައި ހުރި ގަވާއިދާ ހިލާފު ކަންތައްތަކެއް ބެލުމަށް، އަލްބޭނިއާގެ އެންޓި-ކޮރަޕްޝަން އެޖެންސީ އިން މިހާރު ވަނީ ތަހުގީގެއް ފަށާފައެވެ. ނަމަވެސް ބޮޑުވަޒީރު ރާމާ ވަނީ މި މަޝްރޫއުގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ މިއީ ވަޒީފާގެ ފުރުސަތުތަކާއި ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު މަޝްރޫއެއް ކަމަށާއި، މަސައްކަތް ހުއްޓާނުލާ ކުރިއަށްދާނެ ކަމަށެވެ.
މި މުޒާހަރާތަކަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން ކަމަށާއި، ސަރުކާރުގެ ކަންކަން ދެފުށް ފެންނަ މިންވަރު ކުޑަވުމާއި ބޭރުގެ ނުފޫޒުގަދަ ފަރާތްތަކަށް ވަކި ފަރާތަކަށް ޖެހިގެން ފުރުސަތު ދޭކަމަށް ބުނެ ރައްޔިތުންގެ ކުރަމުންދާ މުޒަހާރާތަކެކެވެ.
މި މައްސަލައިގައި ދެކުނު އައްސޭރިފަށުގެ ސަރަހައްދުތަކުގައި އިތުރު މުޒާހަރާތައް ބޭއްވުމަށް މިހާރު ވަނީ ރޭވިފައެވެ.





