ޖަރުމަނުވިލާތުގެ ޒަމާނީ ތާރީޚުގައި ފުރަތަމަ ފަހަރަށް، އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން ގޮނޑިއެއް ކާމިޔާބު ނުކުރެވި އެ ގައުމަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އާންމު މަޖިލީހުގައި ނެގި ސިއްރު ވޯޓުގައި ޖަރުމަނުވިލާތް ދިޔައީ އޮސްޓްރިއާ އާއި ޕޯޗުގަލްގެ ފަހަތުން ތިންވަނައަށެވެ. މި ވޯޓުގައި ޕޯޗުގަލްއަށް 134 ވޯޓު ލިބުނުއިރު، އޮސްޓްރިއާއަށް ލިބުނީ 131 ވޯޓެވެ. ނަމަވެސް ޖަރުމަނުވިލާތަށް ލިބުނީ އެންމެ 104 ވޯޓެވެ. ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ބޭނުންވާ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތަކީ މަދުވެގެން 129 ވޯޓެވެ.
މި ނަތީޖާއަކީ އެ ގައުމުގެ ޗާންސެލަރ ފްރީޑްރިކް މާޒްއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. ޚާރިޖީ ވަޒީރު ޔޯހަން ވަޑެފުލް މި ނަތީޖާ ސިފަކުރެއްވީ "ހިތްދަތި ބައްޔެއް" ގެ ގޮތުގައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ނާކާމިޔާބީގެ ފަހަތުގައިވަނީ ރަޝިޔާގެ ނުފޫޒުގަދަ ލޮބީއާއި، ބައިނަލްއަޤްވާމީ މައިދާނުގައި އިސްރާއީލަށް ޖަރުމަނުވިލާތުން ދެމުންދާ ވަރުގަދަ ތާއީދެވެ.
އަދި އިސްރާއީލަށް ކުރާ ތާއީދުގެ ސަބަބުން މުހިންމު ގިނަ ވޯޓުތަކެއް ގެއްލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ޖަރުމަނުގެ އޮފިޝަލުން ހާމަކުރާ ގޮތުގައި، މެދުއިރުމަތީގެ މައްސަލަތަކުގައި އިސްރާއީލާ މެދު އެ ގައުމުގެ ތާރީޚީ ޚާއްޞަ މަސްއޫލިއްޔަތުތަކެއް އޮވެއެވެ.
ހުޅަނގު ޔޫރަޕްގެ ގައުމުތަކަށް ހާއްސަ ކުރެވިފައިވާ ދެ ގޮނޑި ކާމިޔާބުކުރީ އޮސްޓްރިއާ އާއި ޕޯޗުގަލްއެވެ. ދެން ހުރި ތިން ގޮނޑި އެއްވެސް ވާދަވެރިކަމެއް ނެތި ކާމިޔާބުކުރީ ޒިމްބާބުވޭ، ޓްރިނިޑާޑް އެންޑް ޓޮބޭގޯ އަދި ކިރިގިސްތާނެވެ.
މީގެ ކުރިން ހަ ފަހަރެއްގެ މަތިން ސަލާމަތީ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ޖަރުމަނުވިލާތަށް، މިހާރު ވަނީ ސަލާމަތީ މަޖިލީހުގެ އޮނިގަނޑު އިސްލާހް ކުރުމަށް ބާރުއެޅުމަށް މަޖުބޫރުވެފައެވެ.
ޖަރުމަނުގެ އިސްވެރިން ބުނާ ގޮތުގައި، މި ނާކާމިޔާބީގެ ސަބަބުން ބައިނަލްއަގްވާމީ މައިދާނުގައި އެ ގައުމުން އަދާކުރާ އިތުބާރު ހުރި ދައުރަކަށް ބަދަލެއް ނާންނާނެއެވެ. އަދި އިސްރާއީލަށް ދޭ ތާއީދާއެކު، ބައިނަލްއަގްވާމީ އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގައި ޖަރުމަނުވިލާތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.



