އެމެރިކާގެ އިންޓެލިޖެންސްގެ ވެރިޔާ އިސްތިއުފާދެއްވައިފި

އެމެރިކާގެ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް (ޑީ.އެން.އައި) ގެ މަގާމުން ތުލްސީ ގަބާޑް އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވައިފިއެވެ.

ހުކުރު ދުވަހު އޭނާ މިކަން ހާމަކުރެއްވިއިރު، މަގާމުން ރަސްމީކޮށް ވަކިވެވަޑައިގަންނަވާނީ އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

ކުރިން ޑިމޮކްރެޓިކް ކޮންގްރެސް މެންބަރެއްގެ ގޮތުގައި ހުންނެވި ގަބާޑް، މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ އޭނާގެ ފިރިކަލުން އަބްރަހަމްއަށް ކަށީގެ ކެންސަރުގެ ނާދިރު ބާވަތެއް ޖެހިފައިވާކަން އެނގުމާ ގުޅިގެންނެވެ.

އެކްސްގައި އާންމުކުރެއްވި ބަޔާނެއްގައި ގަބާޑް ވިދާޅުވީ، ފިރިކަލުންގެ ފަރުވާގެ ކަންކަމުގައި އެހީތެރިވެދެއްވަމުން، ޒިންމާ ބޮޑު މިފަދަ މަގާމެއްގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެއްވުމަކީ ދަތި ކަމެއް ކަމަށެވެ. "އޭނާ އެކަނި މި ހަނގުރާމަ ކުރުމަށް ދޫކޮށްލެވޭކަށް ނެތް،" އޭނާ ލިޔުއްވާފައިވެއެވެ.

ރައީސް ޓްރަމްޕް ވަނީ ޓްރޫތު ސޯޝަލް މެދުވެރިކޮށް ގަބާޑްގެ ޚިދުމަތްތަކަށް ތައުރީފު ކުރައްވައި، އޭނާ ކުރެއްވި މަސައްކަތްތަކަކީ "ފާހަގަކޮށްލެވޭ" މޮޅު މަސައްކަތްތަކެއް ކަމަށް ވިދާޅުވެފައެވެ.

އަދި އައު ބޭފުޅަކު އައްޔަން ކުރެވެންދެން، ވަގުތީ ގޮތުން އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވާނީ ޕްރިންސިޕަލް ޑެޕިއުޓީ ޑިރެކްޓަރ އޭރޮން ލޫކަސް ކަމަށް ވެސް ޓްރަމްޕް ވަނީ ކަނޑައަޅުއްވާފައެވެ.

ގާތްގަނޑަކަށް 15 މަސް ދުވަހު އެމެރިކާގެ އިންޓެލިޖެންސްގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނެވި ގަބާޑްގެ ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ސިއްރު ލިޔެކިޔުންތައް އާންމުކުރުމަށާއި އިދާރީ އިސްލާހުތައް ގެނައުމަށެވެ.

އޭނާގެ މި ވަކިވެވަޑައިގަތުމަކީ ސިޔާސީ ސަބަބަކާ ހުރެ ނިންމެވި ނިންމެވުމެއް ނޫން ކަމަށާއި، އެއީ ހަމައެކަނި އަމިއްލަ އާއިލީ ސަބަބަކަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ މަގާމަށް ދާއިމީ ބޭފުޅަކު އައްޔަންކުރުމާ ގުޅޭގޮތުން ވައިޓް ހައުސްއިން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް