ވައިޓް ހައުސްގެ މަޝްވަރާތަކުގެ މަޢުލޫމާތު ހުރި ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އީރާނުގެ އަމަލުތަކާ މެދު ހިތްޕުޅާނުޖެހި، ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ގެންދަވަނީ އެ ގައުމާ ދެކޮޅަށް އަސްކަރީ ވަރުގަދަ ހަމަލާތަކެއް ދިނުމާ މެދު ވަރަށް ސީރިއަސްކޮށް ވިސްނަވަމުންނެވެ.
އެއް މަސް ދުވަހުގެ މުއްދަތަށް ގާއިމުކޮށްފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އޮތީ "ލައިފް ސަޕޯޓްގައި" ކަމަށް ވިދާޅުވިތާ އެއް ދުވަސް ފަހުން، އީރާނުން ހުށަހެޅި އެންމެ ފަހުގެ ސުލްހައިގެ ހުށަހެޅުމަކީ "ބޭކާރު" އަދި "ބަލައިގަނެވޭނެ އެއްޗެއް ނޫން" ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އެ ހުށަހެޅުން ބޭރުކޮށްލައްވާފައެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެދެވޭ ދޫތަކެއް ދީފައި ނުވާތީއާއި، ހޯރްމުޒް ކަނޑުއޮޅި ފުރިހަމައަށް ހުޅުވާލާނެ ކަމުގެ ޔަގީންކަން ދީފައި ނުވާތީ، އެ ލިޔުން އެއްކޮށް ކިޔައިވެސް ނުނިންމަވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މަސްދަރުތަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި، އެމެރިކާގެ މައިގަނޑު ޝަރުތުތަކަށް އީރާނުން ދެކޮޅު ހަދަމުންދާތީ ޓްރަމްޕްގެ ކެތްތެރިކަން ވަނީ ކޮޅުންލާފައެވެ.
އަސްކަރީ ހަމަލާތައް ދިނުމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، ސަރުކާރުގެ މަތީ ފަންތީގައި އެ ފުރުސަތާ މެދު މިހާރު ދަނީ ސީރިއަސްކޮށް މަޝްވަރާ ކުރެވެމުންނެވެ.
ނަމަވެސް، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމުގެ ކުރިން އެފަދަ ފިޔަވަޅެއް އަޅާފާނެ ކަމަކަށް ނުބެލެވެއެވެ.
އޭޕްރީލް މަހުގެ ކުރީކޮޅު ގާއިމުކުރި ސުލްހައިގެ އެއްބަސްވުމަށް ވަނީ އެކި ހާދިސާތަކާ ގުޅިގެން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ހޯރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލުމަށް ހުރަސްތަކެއް ކުރިމަތިވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފީފާއަކަށް 100 ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ.
ސައުދީ އަރަމްކޯގެ ސީއީއޯ އަމީން ނާސިރު އިންޒާރު ދެއްވި ގޮތުގައި، އެ ކަނޑުއޮޅި ބަންދުވެފައި އޮންނަ ކޮންމެ ހަފުތާއަކު ބާޒާރަށް ނެރޭ ތެލުގެ ތެރެއިން ގާތްގަނޑަކަށް 100 މިލިއަން ފީފާ ތެޔޮ މަދުވާނެއެވެ.
އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ތެޔޮ ޓޭންކަރުތަކަށް އަސްކަރީ ރައްކާތެރިކަން ދިނުމާއި އީރާނުގެ މުހިންމު މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާ ދިނުން ފަދަ ހުރިހާ ފިޔަވަޅުތަކެއް އަޅަން އެމެރިކާ އޮތީ ތައްޔާރަށެވެ.
އަދި ހަމަލާއެއް ދީފި ނަމަ ނިއުކްލިއާ ޕްރޮގްރާމްގެ މަސައްކަތް އިތުރަށް ހަލުވިކުރާނެ ކަމަށް އީރާނުން ވެސް ވަނީ އިންޒާރު ދީފައެވެ.



