މޯދީ މީގެ ކުރިން އިޒްރޭލަށް ކުރެއްވި ދަތުރެއްގެ ތެރެއިން

މެދުއިރުމަތީގެ މަސްރަޙު ގޯސްވެ، ތެލުގެ އަގު އުފުލެމުންދާތީ، ކުރިއަށް އޮތް އެއް އަހަރު ދުވަހު ގައުމުން ބޭރަށް ޗުއްޓީއަށާއި ކައިވެނީގެ ހަފުލާތަކަށް ނުދިއުމަށް އިންޑިއާގެ ރައްޔިތުންގެ ކިބައިން ބޮޑުވަޒީރު ނަރެންދުރަ މޯދީ ދާދިފަހުން އެދިވަޑައިގެންފައި ވަނިކޮށް، އަންނަ މެއި މަހުގެ 15 ވަނަ ދުވަހު ފަސް ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފައްޓަވާނެކަމަށް ބޮޑުވަޒީރުގެ އޮފީހުން އިއުލާންކޮށްފި އެވެ.

މި ދަތުރުފުޅުގައި މޯދީ ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވަނީ އެކުވެރި އަރަބި އިމާރާތް (ޔޫ.އޭ.އީ)، ނެދަލެންޑްސް، ސްވިޑަން، ނޯވޭ އަދި އިޓަލީއަށެވެ.

މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ތެޔޮ އެތެރެކުރާނެ އިތުރު މަގުތައް ހޯދުމާއި، ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ އިތުރުން ޓެކްނޮލޮޖީގެ ރޮނގުން އެއްބާރުލުން ދިނުމާއި އިންޑިއާ-ޔޫއޭއީ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

މިދިޔަ ހަފުތާގައި ހައިދަރުއާބާދުގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވަނީ، ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓުމަށްޓަކައި އިންޑިއާ ބޭރަށް ކުރާ ދަތުރުތައް މަޑުޖައްސާލުމަށާއި، ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް، ގައުމުގެ އެތެރޭގެ ފަތުރުވެރިކަމަށް އިސްކަންދިނުމަށް މެދުފަންތީގެ އާއިލާތަކަށް އިލްތިމާސްކުރައްވާފައެވެ.

އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން "ސްޓްރެއިޓް އޮފް ހޯމޫޒް" އަށް ކުރިމަތިވެފައިވާ ހުރަސްތަކަށް އިޝާރާތްކުރައްވައި، "އިންޑިއާގައި ވެސް ރީތި ބައިވަރު ތަންތަން އެބަހުރި" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މަތީގައި ހުރި މި ދަނޑިވަޅުގައި، މިއީ އިންޑިއާގެ އިގްތިސާދީ މަސްލަހަތު ހިމާޔަތްކުރުމަށާއި، ހަކަތަ ލިބޭނެ މަގުތައް ކަށަވަރުކުރުމުގެ އިތުރުން އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރާ "މުހިންމު ޑިޕްލޮމެޓިކް" ދަތުރުފުޅެއް ކަމަށް ބުނެ ސަރުކާރުން ވަނީ މި ދަތުރުފުޅު ދިފާއުކޮށްފައެވެ.

ނަމަވެސް، ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގަތުމަށްފަހު ބޮޑުވަޒީރު އަމިއްލަފުޅަށް ބޭރު ގައުމުތަކަށް ދަތުރުކުރައްވާތީ، އެކަމުގައި ހުރި ފުށުއެރުންތަކަށް އިދިކޮޅު ޕާޓީތަކުން ދަނީ ފާޑުކިޔަމުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް