އީރާނުން ޗައިނާ ރައީސްގެ ހަތަރު ނުކުތާގެ ސުލްހައިގެ ހުށަހެޅުމަށް ތާއީދުކޮށްފި

ޗައިނާގެ ރައީސް ޝީ ޖިންޕިންގ މެދުއިރުމައްޗަށް ސުލްހަ އާއި ހަމަޖެހުން ގެނައުމަށް ހުށަހެޅުއްވި ހަތަރު ނުކުތާގެ ހުށަހެޅުއްވުމަށް، އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ތާއީދު ކުރައްވައިފިއެވެ.

ޗައިނާގެ ހާރިޖީ ވަޒީރު ވާންގ ޔީއާ އެކު ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު ވާހަކަދައްކަވަމުން، އަރަގްޗީ ވިދާޅުވީ، ޗައިނާގެ ހުށަހެޅުއްވުމަށް އީރާނުން "ވަރަށް ބޮޑަށް ޝުކުރުވެރިވެ، ފުރިހަމައަށް ތާއީދު" ކުރާ ކަމަށެވެ. ހަމަ އެހިނދު، "ތާރީހުގެ ރަނގަޅު ފަޅީގައި" ޗައިނާ ދެމިއޮތުމަށް ވެސް ވަޒީރު ތައުރީފު ކުރެއްވިއެވެ.

ރައީސް ޝީ ޖިންޕިންގ ހުށަހެޅުއްވި ހަތަރު ނުކުތާ

1. ސުލްހަވެރި އެކުވެރިކަން

ސަރަހައްދީ ގައުމުތަކާ ގުޅިގެން ހުރިހާ ފަރާތްތަކަށް ރައްކާތެރިކަން ލިބޭ ފަދަ ޝާމިލު ދިފާއީ ނިޒާމެއް ބިނާ ކުރުން.

2. ގައުމީ ސިޔާދަތު

ކޮންމެ ގައުމެއްގެ ސިޔާދަތާއި ރައްކާތެރިކަމާއި އިސްތިގްލާލް ގަދަރާ އެކު ހިމާޔަތް ކުރުން.

3. ބައިނަލްއަގްވާމީ ގާނޫނުގެ ވެރިކަން

އދ.ގެ ހަމަތަކާއި އުސޫލުތައް ދަމަހައްޓައި، ބައިނަލްއަގްވާމީ ގާނޫނު ހިންގުމުގައި ދެ ފަރާތަށް ހަމަހަމަ ނޫން ގޮތްތައް ގެންގުޅުން ހުއްޓުވުން.

4. ހަމަހަމަ ކަމާއެކު ތަރައްގީ އާއި ރައްކާތެރިކަން

ސަރަހައްދުގެ ތަރައްގީ އާއި ހަމަޖެހުން އެކަތިގަނޑެއްގެ ގޮތުގައި ދެކި، ޗައިނާގެ ތަރައްގީ ވެފައިވާ ތަޖުރިބާ ހިއްސާ ކުރުން.

މި ހުށަހެޅުއްވުން ފުރަތަމަ ހުށަހެޅުއްވީ ރައީސް ޝީ، އޭޕްރީލް މަހުގެ މެދުތެރޭގައެވެ. އީރާނުން ހުށަހެޅުއްވުމަށް ތާއީދު ކުރެއްވުމަކީ، އިރާނާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށްް ރަނގަޅުވަމުން އަންނަކަމުގެ ހެއްކެއް ގޮތުގައި ބެލެވެއެވެ.

ހަމަ އެހިނދު، ކުރިން އީރާނާއި ސައޫދީ އަރަބިއްޔާ ދެމެދު ޗައިނާ ކާމިޔާބުކަމާ އެކު ވަސީލަތްތެރިވި ފަހުން، ހުޅަނގު އޭޝިއާގެ ސިޔާސީ ދާއިރާގައި ޗައިނާ ފުޅާ ދައުރެއް އަދާ ކުރަމުންދާ ކަން ވެސް މިކަމުން ހާމަވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް