އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ބެއިޖިންގްގައި ބާއްވަވާ މުހިންމު ސަމިޓަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، އީރާނާ ގުޅުން އޮތް ކަމަށް ބުނެ ޗައިނާގެ ބައެއް ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ.
ހުކުރު ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ހަތަރު ކުންފުންޏަކަށް ފިޔަވަޅު އަޅާފައެވެ. އޭގެ ތެރެއިން ތިން ކުންފުންޏަކީ ޗައިނާގައި ގާއިމުވެފައިވާ ކުންފުނިތަކެވެ.
މި ކުންފުނިތަކުން ވަނީ މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސެޓެލައިޓް ފޮޓޯ ފޯރުކޮށްދީފައި ކަމަށް އެމެރިކާއިން ބުނެއެވެ.
ހަމައެއާއެކު، އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން ވެސް ވަނީ 10 މީހަކަށާއި ކުންފުންޏަކަށް ފިޔަވަޅު އަޅާފައެވެ. މީގެ ތެރޭގައި ޗައިނާއަށް ނިސްބަތްވާ ފަރާތްތައް ވެސް ހިމެނެއެވެ.
އެ ފަރާތްތަކުން ވަނީ ބެލިސްޓިކް މިސައިލާއި ޑްރޯން އުފެއްދުމަށް ބޭނުންވާ ހަތިޔާރާއި ސާމާނު ހޯދުމުގައި އީރާނަށް އެހީތެރިވެދީފައި ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.
"މިއަދުގެ މި ނިންމުމަކީ އީރާނަށް އެހީތެރިވާ ޗައިނާގެ ކުންފުނިތައް އަދަބުދިނުމަށް އެޅި ފިޔަވަޅެއް،" ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
"އީރާނުގެ އަސްކަރިއްޔާއަށާއި ދިފާއީ ސިނާއަތަށް އެހީތެރިވާ ތިންވަނަ ގައުމުތަކުގެ ފަރާތްތަކާ ދެކޮޅަށް އެމެރިކާއިން ކުރެވެން އޮތް ހުރިހާ ވަސީލަތެއްގެ ބޭނުންކޮށްގެން ފިޔަވަޅު އަޅާނެ."
އީރާނުގެ ސާފުނުކުރާ ތެޔޮ ގަތުމާ ގުޅިގެން ޗައިނާގެ ބައެއް ރިފައިނަރީތަކަށް ވެސް އެމެރިކާއިން ދާދި ފަހުން ވަނީ ފިޔަވަޅު އަޅާފައެވެ. މިކަމާ ގުޅިގެން ޗައިނާއިން ވަނީ އެމެރިކާގެ އެ ފިޔަވަޅުތަކަށް ތަބާނުވުމަށް އެ ގައުމުގެ ކުންފުނިތަކަށް އަންގާފައެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ތަކުރާރުކޮށް ބުނަމުންދަނީ، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އެއްފަރާތުން އަޅާ މިފަދަ ފިޔަވަޅުތަކާ ދެކޮޅު ހަދާ ކަމަށާއި، ޗައިނާގެ ރައްޔިތުންނާއި ކުންފުނިތަކުގެ ހައްގުތައް ހިމާޔަތްކުރާނެ ކަމަށެވެ.
ރައީސް ޓްރަމްޕް އަންނަ ހަފުތާގައި ޗައިނާއަށް ދަތުރުފުޅު ކުރައްވާނެ ކަމަށް ބެލެވެއެވެ.




