އިރާނާއެކު އެމެރިކާއިން އެނބުރި ހަނގުރާމަ ފެށުމުގެ ބިރުހީވެފައިވާ ދަނޑިވަޅެއްގައި އިޒްރޭލާއި އަރަބި ގައުމުތަކަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ މަސައްކަތް އެމެރިކާއިން އަވަސްކޮށްފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން، އިސްރާއީލާއި، ގަތަރާއި، ޔޫނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަދި ކުވެއިތަށް ބިލިއަނުން އަގުކުރެވޭ ހަތިޔާރު ވިއްކުމުގެ މަސައްކަތް ޓްރަމްޕްގެ ސަރުކާރުން ވަނީ އަވަސްކޮށްފައެވެ.
ޖުމްލަ 8 ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ އަގުހުރި މި ހަތިޔާރުތަކުގެ ތެރޭގައި ކުވެއިތާއި ގަތަރަށް ބޭނުންވާ ވައިގެ ދިފާއީ ނިޒާމުތަކާއި، ގަތަރާއި ޔޫ.އޭ.އީ އަދި އިސްރާއީލަށް ބޭނުންވާ ލޭޒާ-ގައިޑެޑް ރޮކެޓްތައް ހިމެނެއެވެ.
ގަތަރަށް ވިއްކާ ހަތިޔާރުގެ ތެރޭގައި ޕެޓްރިއަޓް މިސައިލްވެސް ހިމެނެއެވެ. "ސެންޓަރ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒް" އިން އޭޕްރީލް މަހު ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުން، އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އަތުގައި ހުރި ޕެޓްރިއަޓް މިސައިލްގެ ރިޒާވް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
މި ހަތިޔާރުތައް ވިއްކުމުގައި އެމެރިކާގެ ކޮންގްރެސްގެ ހުއްދަ ހޯދުމުގެ ބަދަލުގައި އެކަން އަވަސްކުރި ސަބަބެއްގެ ގޮތުގައި ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވިދާޅުވީ، މިއީ މިހާރުން މިހާރަށް ނިންމަންޖެހޭ ކުއްލި ހާލަތެއް ކަމަށް އޭނާ ކަނޑައަޅުއްވާފައިވާ ކަމަށާއި، އެކަމުގެ ތަފްސީލީ ބަޔާނެއް ދެއްވާފައިވާނެ ކަމަށެވެ.
އީރާނާއެކު ހަނގުރާމަ ފެށުނު ފަހުން، ކޮންގްރެސްގެ މަރުހަލާތައް ފަހަނައަޅައި ގޮސް ހަތިޔާރު ވިއްކަން ސަރުކާރުން ކުއްލި ހާލަތުގެ ބޭނުން ހިފި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.
މިދިޔަ މާޗް މަހުގެ ކުރީކޮޅުވެސް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ކުއްލި ހާލަތުގެ ދަށުން އިސްރާއީލަށް 12,000 ބޮން ވިއްކުމަށް ނިންމާފައެވެ. އަދި އެ މަހުގެ ފަހުކޮޅު ރޫބިއޯ ވަނީ ޔޫ.އޭ.އީ އާއި ކުވެއިތަށް ބިލިއަނުން އަގުކުރެވޭ ހަތިޔާރު ވިއްކުމާއި، އުރުދުންއަށް ބޭނުންވާ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުއްލި ހާލަތު އިއުލާނުކުރައްވައި އެކަންކަން އަވަސްކޮށްދެއްވާފައެވެ.



