އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަމާއި، އާންމުންނަށް އެކަން ހާމަނުކޮށް މީގެ މަސްތަކެއް ކުރިން ކާމިޔާބު ފަރުވާއެއް ހޯދާފައިވާކަން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯ ބަޔާނެއްގައި ނަތަންޔާހޫ ބުނީ، ކެންސަރު ހުރިކަން އެނގުނީ އާންމުކޮށް ހަދާ ޗެކަޕެއްގެ ތެރެއިން ވަރަށް ކުރީކޮޅު ކަމަށާއި، އެއީ "ކުޑަ އަދި ކާމިޔާބު" ފަރުވާއެއްގެ ގޮތުގައި އޭނާ ސިފަކުރިިއެވެ. އަދި މިހާރު ބަލިން މުޅިން ފަސޭހަވެފައިވާ ކަމަށާއި، އެއްވެސް މެދުކެނޑުމެއް ނެތި މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދާ ކަމަށްވެސް އޭނާ ބުންޏެވެ.
"އިސްރާއީލުގެ ސަލާމަތީ ކަންކަން ވަރަށް ނާޒުކު ދަނޑިވަޅެއްގައި އޮތްއިރު، ބޭކާރު ކަންބޮޑުވުންތަކާއި ހީތަކުން ދުރުހެލިވުމަށްޓަކައި މިކަން ސިއްރުކުރަން ނިންމީ،" އޭނާ ބުންޏެވެ.
މިކަން ހާމަކޮށްފައި މިވަނީ ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ލުބުނާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، އެމެރިކާ އާއި އީރާނުގެ މެދުގައި އޮތް ހަމަނުޖެހުންތައް ހިމެނެއެވެ.
ނަތަންޔާހޫގެ އޮފީހުން ކަށަވަރުކޮށްދިން ގޮތުގައި އޭނާގެ ސިއްހީ ހާލަތު ރަނގަޅެވެ. އަދި އޭނާގެ ރަސްމީ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނެއެވެ.




