ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)

މާލޭ ސިޓީ ކައުންސިލުގެ އެކަށީގެންވާ އެއްބާރުލުން ނުލިބުމުގެ ސަބަބުން ބައެއް ތަރައްގީގެ މަޝްރޫއުތައް ނުފެށި ލަސްވަމުންދާތީ، އެކަންކަން އަވަސްކުރުމުގެ ބޭނުމުގައި 14 ބިމެއް ސަރުކާރަށް ނަގަން ނިންމެވި ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

މަސް މާރުކޭޓާއި ސަލްޓަން ޕާކާއި ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭ ސަރަހައްދުގެ 14 ބިމެއް ސިޓީ ކައުންސިލުގެ ދަށުން ނަގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމުމާ ގުޅިގެން، ކައުންސިލުން ވަނީ ކުއްލި ޖަލްސާއެއް ބާއްވައި އެ މައްސަލައިގައި ކޯޓަށް ދާން ނިންމާފައެވެ. މޭޔަރު އާދަމް ޢާޒިމް ވަނީ އެ ބިންތަކަކީ ކައުންސިލަށް އާމްދަނީ ލިބޭ ބިންތަކަކަށްވާތީ ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ދަތިވާނެ ކަމަށް ވިދާޅުވެފައެވެ.

ކައުންސިލުން ކޯޓަށް ދާން ނިންމުމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ވަކި ތާރީޚަކަށް ނިންމަން ބޭނުންވާތީ އެއްވެސް ފަރާތަކާ ހެދި މަޝްރޫއުތައް ލަސްވާން ސަރުކާރުން ބޭނުންނުވާ ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދުމާ ގުޅުންހުރި އެއްވެސް ކަމެއްގައި ސަރުކާރުން ކޮމްޕްރޮމައިޒް ނުކުރާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ތަރުޖަމާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މާރުކޭޓުގެ މަސައްކަތްތައް ފަދަ ކަންކަން ފުރަތަމަ ރޭވި ތާރީޚަށް ނުނިންމުނީ ކައުންސިލާ ހެދި ކަމަށް ވިދާޅުވިއެވެ. ލާމަރުކަޒީ ގާނޫނަށް މިދިޔަ ސެޕްޓެމްބަރު މަހު ގެނެސްފައިވާ ބަދަލާއެކު، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމުގައި ކައުންސިލްތަކުގެ އިޚްތިޞާޞުން ބިން ވަކިކޮށް ސަރުކާރުގެ ދަށަށް ނެގުމުގެ ގާނޫނީ ބާރު ސަރުކާރަށް ލިބިދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް