މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރީގެ ތުހުމަތުގައި ރަސްދޫއިން ހައްޔަރުކުރި 9 މީހުން --- ފޮޓޯ: ފުލުހުން

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، އެތަކެތި ބޭނުންކޮށް އަދި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އަންހެނަކު ހިމެނޭހެން އއ. ރަސްދޫއިން ނުވަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން މި މަހުގެ 17 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ރަސްދޫގެ 10 ގެއެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ވަނީ ފެނިފައެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ:

  • މުޙައްމަދު ޢުލްވާން ރަޝީދު (21އ)، ލިލީމީޑް / އއ. ރަސްދޫ

  • އަޙްމަދު ޢަރީފު (37އ)، ގުލްދަސްތާގެ / އއ. ރަސްދޫ

  • އިބްރާހީމް ދިނާން (30އ)، ހަވާމަންޒިލް / އއ. ރަސްދޫ

  • އަޙްމަދު އިކުލީލް (37އ)، ފެހިވިނަ / އއ. ރަސްދޫ

  • އަޙްމަދު މުޙައްމަދު (44އ)، ކާނޭޝަންމާގެ / އއ. ރަސްދޫ

  • ޢަލީ ވަސީމް (42އ)، ކާރނޭޝަންމާގެ / އއ. ރަސްދޫ

  • ލީނާ މޫސާ (23އ)، ވިދުވަރުގެ / ހދ. ކުމުންދޫ

  • ރިމާޒު މުޙައްމަދު (29އ)، ހިކިފިނިފެންމާގެ / އއ. ތޮއްޑޫ

  • މެހެދީ ހަސަން (27އ)، ބަންގްލަދޭޝް

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެކި މުއްދަތަށް އެ މީހުން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އެގޮތުން އިބްރާހީމް ދިނާން، ރިމާޒު މުޙައްމަދު، ޢަލީ ވަސީމް އަދި މެހެދީ ހަސަން 10 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، އަޙްމަދު އިކުލީލް ވަނީ 7 ދުވަހަށް ބަންދުކޮށްފައެވެ. މީގެއިތުރުން މުޙައްމަދު ޢުލްވާން ރަޝީދު، އަޙްމަދު ޢަރީފު އަދި އަޙްމަދު މުޙައްމަދު 5 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، ލީނާ މޫސާ ބަންދުކުރަން އަމުރުކުރީ 3 ދުވަހަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް