މަޝްވަރާތަކަށް މެދުވެރިއެއްގެ ރޯލު އަދާކުރާ ޕާކިސްތާނުގެ، އަސްކަރިއްޔާގެ އިސްވެރިޔާ އީރާނަށް

އެމެރިކާއާއި އީރާނާ ދެމެދު ނުތަނަވަސްކަން އިތުރުވެ، އީރާނުގެ ބަނދަރުތައް އެމެރިކާގެ ކަނޑުގެ ސިފައިން ބަންދުކޮށްފައިވާ ދަނޑިވަޅެއްގައި، ޕާކިސްތާނުގެ ނުފޫޒުގަދަ އަސްކަރިއްޔާގެ ޗީފް ފީލްޑް މާޝަލް އާސިމް މުނީރު އީރާނަށް ވަޑައިގަންނަވާ ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއްގައި ހިމެނިވަޑައިގެންފިއެވެ.

މި ދަތުރުފުޅު މި އައީ، މި މަހުގެ ކުރީކޮޅު އިސްލާމްއާބާދުގައި ބޭއްވި ނާކާމިޔާބުވި އެމެރިކާ-އީރާނު ސުލްހައިގެ ވާހަކަތައް އިންތިޒާމުކުރުމުގައި މުނީރު މުހިންމު ދައުރެއް އަދާކުރައްވާފައި ވަނިކޮށެވެ. އެ ބައްދަލުވުމުގައި އޭނާ ވަނީ ދެ ގައުމުގެ ވަފުދުތަކަށް އަމަލީގޮތުން މަރުހަބާ ވިދާޅުވެ، އީރާނުގެ އޮފިޝަލުންނާ އެކު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

ޕާކިސްތާނުގެ އޮފިޝަލުން މި ދަތުރުފުޅުގެ މަގުސަދު އަދި ތަފްސީލުކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މިއީ އެމެރިކާ އިރާނާއި ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމަށާއި، ހޮރްމުޒް ކަނޑު އޮޅި ފަދަ މުހިންމު ވިޔަފާރި މަގުތަކަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަރަހައްދު ސަލާމަތްކުރުމަށް ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ބައެއް ކަމަށް ބެލެވެއެވެ.

ކުރިން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރުމުގައި އެހީތެރިވެދެއްވި ކަމުގެ ކްރެޑިޓް ލިބިވަޑައިގެންފައިވާ މުނީރަކީ، އެމެރިކާގެ އޮފިޝަލުންނާ ގާތް ގުޅުމެއް ބާއްވަވަމުން، އީރާނުގެ ލީޑަރުންނާ ވެސް މުއާމަލާތް ކުރައްވާ ބޭފުޅެކެވެ.

މި ދަތުރުފުޅު މި ކުރައްވަނީ، އެމެރިކާގެ ބްލޮކޭޑާ ގުޅިގެން ގަލްފާއި ރަތްކަނޑުގެ ދަތުރުފަތުރުގެ މަގުތައް ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފައިވާ ދަނޑިވަޅެއްގައެވެ. މީގެ ސަބަބުން އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް