އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕާކިސްތާނުގައި މިދިޔަ ހަފުތާ ބަންދުގައި ކުރެވުނު މަޝްވަރާތަކުން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެދެވޭ ނަތީޖާއެއް ނުލިބުމާ ގުޅިގެން، އީރާނަށް އަލުން ވައިގެ ހަމަލާތައް ދިނުމާމެދު ރައީސް ޓްރަމްޕް ދަނީ ވިސްނަވަމުންނެވެ.

އެމެރިކާގެ އިސް އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޯރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އާދީއްތަ ދުވަހު ނިންމެވި ނިންމެވުމުގެ އިތުރުން، އީރާނަށް އަމާޒުކޮށް އަސްކަރީ ހަމަލާތައް ދިނުމަކީ ވެސް ރައީސް ޓްރަމްޕް މިހާރު ވިސްނަވަމުންދާ ކަމެކެވެ.

މި ރިޕޯޓާ ގުޅިގެން ބީބީސީން ސުވާލު ކުރުމުން ވައިޓް ހައުސްއިން ބުނެފައިވަނީ، ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ އިހުތިޔާރު ރައީސަށް އޮތް ކަމަށެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު އޮލީވިއާ ވޭލްސް ވިދާޅުވި ގޮތުގައި، "އީރާނުގެ ބިރުދެއްކުންތައް ހުއްޓުވުމަށްޓަކައި ހޯރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް ރައީސް ވަނީ މިހާރުވެސް އަމުރުކުރައްވާފައެވެ. އަދި އިތުރު ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ވެސް އެމަނިކުފާނު ވަނީ ހުޅުވާލައްވާފައެވެ. ރައީސް ޓްރަމްޕް ދެން އަޅުއްވާނެ ފިޔަވަޅެއް އެނގޭ ކަމަށް ބުނެ ވޯލް ސްޓްރީޓް ޖާނަލްއަށް މަޢުލޫމާތު ދޭ ކޮންމެ މީހަކީ ހަމައެކަނި އަމިއްލަ ލަފާކުރުންތަކެއްގެ މައްޗަށް ވާހަކަދައްކާ މީހެކެވެ."

މިފަދަ މޭރުމަކުން ވައިޓް ހައުސް އިން ވާހަކަދައްކާފައިވާއިރު ގަލްފުގެ ގައުމުތަކުން އަންނަނީ ހޮރްމުޒް ކަނޑު އޮޅި ދިގު މުއްދަކަށް ބަންދުކޮށްފައި އޮވެދާނެކަމަށް ބަލައި ކުރެވެން ހުރި އެހެންކަންކަން ބަލައި ތައްޔާރުވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް