މިއަދު ކުރިއަށްދާ މަޝްވަރާތަކަށް އިސްލާމްއާބާދުގެ ސެކިއުރިިޓީ ވަރުގަދަކޮށް ލޮކްޑައުންއަކަށް

މިއަދު އޮންނަ އެމެރިކާ އާއި އީރާނާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ މަތީ ފެންވަރުގެ މުހިންމު މަޝްވަރާތަކާ ގުޅިގެން، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ސަލާމަތީ ފިޔަވަޅުތައް ބުރާސްފަތި ދުވަހު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

މި މަޝްވަރާތަކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރި މި ދަނޑިވަޅުގައި، ކަމާބެހޭ ފަރާތްތަކުން ވަނީ އިސްލާމްއާބާދުގެ ބައެއް ސަރަހައްދުތައް ބަންދުކޮށް، ފާރަވެރިވާން ފަށާފައެވެ.

ހާއްސަކޮށް، ފަސް ތަރީގެ ލަގްޒަރީ ސެރީނާ ހޮޓަލުގެ ވަށައިގެންވާ ތިން ކިލޯމީޓަރުގެ ސަރަހައްދަކަށް ވަދެ ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އެމެރިކާ އާއި އީރާނުގެ ވަފުދުތައް ވެސް މަޑުކުރުމަށް ހަމަޖެހިފައިވަނީ މި ހޮޓަލުގައެވެ. "މުހިންމު ހަރަކާތަކަށް" މުޅި ހޮޓާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ، އަންނަ އާދީއްތަ ދުވަހުގެ ކުރިން ހޮޓަލުގައި ތިބި ހުރިހާ މެހުމާނުން ހޮޓާ ހުސްކުރުމަށް މިހާރު ވަނީ އަންގާފައެވެ.

އިރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަކީ އެ ގުޅުމުގެ މުސްތަގުބަލު ކަނޑައެޅިގެންދާނެ ފަދަ ނާޒުކު މަޝްވަރާތަކެއްގެ ގޮތުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ސިފަކުރައްވައިފިއެވެ.

އިރާނުގެ ވަފުދު ދަތުރުކުރި މަތިންދާބޯޓު ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނުމާއެކު، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޕާކިސްތާނުގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ އެ އުޅަނދަށް ފުރިހަމަ ހިމާޔަތް ދީފައެވެ.

މީގެ ތެރޭގައި "އޭވާކްސް" (AWACS) އަވަހަށް އިންޒާރުދޭ މަތިންދާބޯޓުތަކާއި، އިލެކްޓްރޯނިކް ވަސީލަތްތަކުން ހަނގުރާމަކުރާ އުޅަނދުތަކުގެ އިތުރުން ފައިޓާ ޖެޓްތައް ހިމެނެއެވެ. މި މަތިންދާބޯޓުތަކުގެ ބެލުމުގެ ދަށުން އިރާނުގެ ވަފުދު ވަނީ އިސްލާމްއާބާދަށް މަޑުކޮށްފައެވެ.

އިރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އިސްކޮށް ހުންނަވައިގެން ވަޑައިގެންނެވި މި ވަފުދަށް އެއާޕޯޓުން މަރުޙަބާ ދެންނެވީ ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާއާއި، ހާރިޖީ ވަޒީރުގެ އިތުރުން ދާހިލީ ވަޒީރެވެ.

މި ދަތުރުފުޅާ ގުޅިގެން އިސްލާމްއާބާދުގެ ވިޔަފާރީގެ މަރުކަޒީ ސަރަހައްދު ކަމަށްވާ "ބްލޫ އޭރިއާ" ހިމެނޭހެން، އާންމުކޮށް އެންމެ ބާރުބޮޑު މަގުތަކުގެ ދަތުރުފަތުރު ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.

ސަރުކާރުން ވަނީ މިކަމާ ގުޅިގެން ދެ ދުވަހުގެ ބަންދެއް އިއުލާނުކޮށް، ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް 10،000 އަށްވުރެ ގިނަ ސަލާމަތީ ބާރުތަކުގެ މީހުން ނެރެފައެވެ.

އެއާޕޯޓުން ފެށިގެން އިރާނުގެ ވަފުދުގެ ގާފިލާ ދަތުރުކުރިއިރު، އެ ބޭފުޅުންގެ ސަލާމަތީ ކަންކަން ބަލަހައްޓާފައިވަނީ ޕާކިސްތާނުގެ އެންމެ ވަރުގަދަ ކޮމާންޑޯ ޔުނިޓް ކަމަށްވާ "ސްޕެޝަލް ސާވިސަސް ގްރޫޕް" (SSG) އިންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް