ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ޝަރުތުކޮށް، ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް އެއްބަސްވެއްޖެ

"މުޅި ހަޟާރާތެއް" ނައްތާލުމަށް ކަނޑައެޅި ރޭގަނޑު 8 ޖަހާއިރުގެ ސުންގަޑިއަށް ދެ ގަޑިއިރަށްވުރެ ކުޑަތަންވެފައި ވަނިކޮށް، އީރާނާއެކު ދެ ހަފްތާގެ ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ގާއިމުކުރީ، އިގްތިސާދީ ގޮތުން މުހިންމު ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން އެއްބަސްވުމުގެ ޝަރުތުގެ މަތިން ކަމަށެވެ.

"ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ފީލްޑް މާޝަލް އާސިމް މުނީރާ ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް، އަދި މިރޭ އީރާނަށް ފޮނުވަން އޮތް ފަނާކުރަނިވި ބާރުތައް މަޑުޖައްސާލުމަށް އެބޭފުޅުން އެދިވަޑައިގަތުމުން، އަދި އިސްލާމީ ޖުމްހޫރިއްޔާ އޮފް އީރާނުން ހޮރްމުޒް ކަނޑުއޮޅި ފުރިހަމައަށް، ވަގުތުން، އަދި ރައްކާތެރިކަމާއެކު ހުޅުވާލުމަށް އެއްބަސްވުމުގެ މައްޗަށް ބިނާކޮށް، ދެ ހަފްތާގެ މުއްދަތަށް އީރާނަށް ބޮން އެޅުމާއި ހަމަލާދިނުން މެދުކަނޑާލުމަށް އަޅުގަނޑު އެއްބަސްވަމެވެ. މިއީ ދެފަރާތުންވެސް އަމަލުކުރާނެ ހަނގުރާމަ ހުއްޓާލުމެކެވެ!" ޓްރަމްޕްގެ "ޓްރޫތް ސޯޝަލް" ގައި ލިޔުއްވާފައިވެއެވެ.

"މިގޮތަށް އަމަލުކުރަން ނިންމި ސަބަބަކީ، އަޅުގަނޑުމެން މިހާރުވެސް އަސްކަރީ ހުރިހާ މަގްސަދުތަކެއް ހާސިލުކޮށް، އެއަށްވުރެ ކުރިއަށް ގޮސްފައިވުމާއި، އީރާނާއެކު ދާއިމީ ސުލްހަ ގާއިމުކުރުމަށާއި މެދުއިރުމަތީގެ ސުލްހައަށްޓަކައި އެކުލަވާލާ އެއްބަސްވުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރިއަށް ގޮސްފައިވުމެވެ،" ޓްރަމްޕް ލިޔުއްވިއެވެ.

"އީރާނުގެ ފަރާތުން 10 ނުކުތާގެ ހުށަހެޅުމެއް އަޅުގަނޑުމެންނަށް ލިބިފައިވާއިރު، އެއީ މަޝްވަރާކުރުމަށް އެކަށީގެންވާ އަސާސެއް ކަމަށް ގަބޫލުކުރަމެވެ. މީގެ ކުރިން ދެބަސްވުން އުފެދިފައިވާ ގާތްގަނޑަކަށް ހުރިހާ ކަމަކަށް އެމެރިކާއާއި އީރާނާ ދެމެދު މިހާރު ވަނީ އެއްބަސްވެވިފައެވެ. ނަމަވެސް މި ދެ ހަފްތާގެ މުއްދަތުގެ ތެރޭގައި އެއްބަސްވުން ފައިނަލްކޮށް ނިންމާލެވޭނެއެވެ. އެމެރިކާގެ ރައީސްގެ ހައިސިއްޔަތުންނާއި، މެދުއިރުމަތީގެ ގައުމުތަކުގެ ތަމްސީލުކުރާ ފަރާތެއްގެ ހައިސިއްޔަތުން، މި ދިގުލީ މައްސަލައަށް ހައްލެއް ލިބުމާ ގާތްވެފައިވުމަކީ ލިބޭ ޝަރަފެކެވެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ވައިޓް ހައުސްއިން ރޭގަނޑު 6:44 ގައި "ލިޑް" އެއް އިއުލާނުކޮށްފައިވެއެވެ. މީގެ މާނައަކީ އެ ރޭގެ ބާކީ އޮތް ވަގުތުތަކުގައި ޓްރަމްޕް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އޮފިޝަލުން ލަފާނުކުރާ ކަމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް