ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ގަލްފުގެ ޤައުމުތަކުން ތާއީދުކޮށް، އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު ރަޝިޔާއާއި ޗައިނާއިން ވީޓޯ ކުރުމާ ގުޅިގެން، އިރާނުން އެ ދެ ޤައުމަށް ޝުކުރު އަދާކޮށްފިއެވެ.
އދ. އަށް ކަނޑައަޅާފައި ހުންނަ އިރާނުގެ މިޝަނުން 'އެކްސް' ގައި ބުނެފައިވަނީ، އުނިކަންތައްތަކެއް ހުރި އެ ޤަރާރު ބޭރުކޮށްލުމަކީ އދ. ގެ މަންޝޫރު ނެގެހެއްޓުން ކަމަށެވެ.
އަދި ދަތުރުފަތުރުގެ މިނިވަންކަމުގެ ނަމުގައި، އެމެރިކާގެ އިސްތިޢުމާރީ ރޭވުންތަކަށް ސަލާމަތީ މަޖިލީހުގެ ތެރެއިން ޤާނޫނީ ސިފަ ޖެއްސުމަށް ކުރި މަސައްކަތް އެ ދެ ޤައުމުން ހުއްޓުވާފައިވާ ކަމަށްވެސް އިރާނުން ފާހަގަކުރިއެވެ.
މިކަމާ ގުޅޭގޮތުން ޗައިނާއިން ބުނެފައިވަނީ އެ ޤަރާރަކީ އެއްފަރާތަކަށް ބުރަވެ، ވަކި ބަޔަކަށް ފިއްތުންތައް ކުރިމަތިކުރުވާ ޤަރާރެއް ކަމަށެވެ. ހަމައެއާއެކު، ރަޝިޔާއިން ބުނީ މިފަދަ ޤަރާރެއް ފާސްކުރުމަކީ މަޝްވަރާތައް އަލުން ފެށުމަށް އޮތް ފުރުޞަތުތައް ގެއްލިގެންދާނެ ކަމެއް ކަމަށެވެ.
އދ. އަށް އިރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ ވަނީ އެ ޤަރާރަކީ "ކަނޑައެޅިގެން އެއްފަރާތަކަށް ޖެހިފައިވާ، ތަޢައްޞުބުން ފުރިގެންވާ އަދި ބަލައިގަނެވޭނެ އެއްވެސް ހަމައެއް ނެތް" ލިޔުމެއްގެ ގޮތުގައި ސިފަކުރައްވައި ކުށްވެރިކުރައްވާފައެވެ.
އިރަވާނީ އިތުރަށް ވިދާޅުވީ، މަސްލަހަތު ގެއްލެން މެދުވެރިވި އަސްލު ސަބަބުތަކަށް ބެލުމެއްނެތި، ހުރިހާ ޒިންމާއެއް އިރާނުގެ ބޮލުގައި އެޅުވުމަކީ ހަޤީޤަތް އޮޅުވާލުން ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅީގައި އިރާނުން އަޅާފައިވާ ފިޔަވަޅުތަކަކީ އަމިއްލަ ދިފާޢުގައި ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ތެރެއިން އެޅި ފިޔަވަޅުތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ސަރަޙައްދީ ބައެއް ޤައުމުތަކުން ދެކޭގޮތުގައި އިރާނުން އެ ސަރަޙައްދުގެ ކަނޑުގެ މަގުތައް ބަންދުކުރުމާއި، އެކި ޤައުމުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމާ ޚިލާފު، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެކެވެ.



