އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އީރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރާއި ކަރަންޓު އުފައްދާ މަރުކަޒުތަކަށް ދޭން ނިންމާފައިވާ އަސްކަރީ ހަމަލާތައް ފަސް ދުވަހަށް ފަސްކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފިއެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާ އާއި އީރާނުންވެސް ބޭނުންވަނީ އެއްބަސްވުމަކަށް އަންނަން ކަމަށާއި، މިހާރުވެސް މުހިންމު ކަންތައްތަކެއްގައި ދެ ގައުމުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
ހޯމަ ދުވަހު ޓްރަމްޕްގެ "ޓްރޫތު ސޯޝަލް" ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުއިރުމަތީގައި އޮތް ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް ފާއިތުވި ދެ ދުވަހު އީރާނާއެކު ވަރަށް ކާމިޔާބު އަދި ނަތީޖާ ނެރެވޭފަދަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

އަދި މިހާރު ކުރިއަށްދާ ބައްދަލުވުންތަކާއި މަޝްވަރާތަކުން ކާމިޔާބީއެއް ލިބޭތޯ ބެލުމަށްޓަކައި، ކުރިއަށް އޮތް ފަސް ދުވަހުގެ މުއްދަތަށް އީރާނުގެ ކަރަންޓު އުފައްދާ ތަންތަނަށް ދޭން ނިންމާފައިވާ އެންމެހައި ހަމަލާތައް ފަސްކުރުމަށް ވޯ ޑިޕާޓްމަންޓަށް އަމުރުކުރައްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފްލޮރިޑާގެ އެއާޕޯޓެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން ބޭނުންވަނީ އެއްބަސްވުމެއް ގާއިމުކުރަން ކަމަށެވެ.

އަދި އެމެރިކާގެ މަންދޫބުން އީރާނުގެ "ގަދަރުވެރި" ލީޑަރަކާއެކު ވާހަކަދައްކަމުންދާ ކަމަށާއި، ނަމަވެސް އެއީ އެގައުމުގެ އެންމެ މަތީ ލީޑަރު މުޖުތަބާ ޚާމަނާއީ ނޫން ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ، އެއްބަސްވުމަކަށް އާދެވޭނީ އީރާނުން ޖަމާކޮށްފައިވާ ޔުރޭނިއަމްގެ ރިޒާވް ދޫކޮށްލުމުން ކަމަށެވެ.

މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއް ގާއިމުކުރެވިއްޖެނަމަ، ވަރަށް އަވަހަށް ހޯރްމުޒް ކަނޑުއޮޅި ހުޅުވާލެވޭނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

"މި އެއްބަސްވުން ގާއިމުކުރެވިއްޖެނަމަ، އެއީ އީރާނަށާއި މުޅި ސަރަހައްދަށްވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް،" ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، ތެހެރާނާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމެއް އަދި ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޓްރަމްޕް ދައުވާކުރެއްވި ގޮތުގައި، މަޝްވަރާ ކުރުމަށް އެދި ފުރަތަމަ ގުޅީ އީރާނުންނެވެ.

ޓްރަމްޕް ވަނީ އިރާނުން މިހާރު އޮތީ އެއްބަސްވުމަކަށް އަންނަން ކެތް މަދުވެފައިކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިރާނުން ވަނީ ޓްރަމްޕުގެ ވާހަކަތައް ދޮގުކޮށްފައެވެ.

އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ އެއްވެސް ގޮތެއްގައި ސީދާކޮށްވެސް އަދި ނުސީދާގޮތަކަށްވެސް އެމެރިކާއާއެކު މަޝްވަރާކޮށްފައިނުވާނެކަމަށެވެ.

އަދި އިރާނުގެ ޑިމާންޑްތައް އަދިވެސް ބަދަލުނުވާކަމަށް ވިދާޅުވެފައިވެއެވެ.

 

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް