ޝާރިޤާ ބައިނަލްއަޤުވާމީ ވާހަކަ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު އާދަމް ނަޞީރު ބައިވެރިވެވަޑައިގެންފި

ޝާރިޤާ ބައިނަލްއަޤްވާމީ ވާހަކަ ފޯރަމް 2025 ގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ބައިވެރިވެވަޑައިގެންފިއެވެ.

ޝާރިޤާ ތަރިކައިގެ މަޢުހަދުން އިންތިޒާމުކުރާ މި ފޯރަމު މި އަހަރު ޚާއްޞަކުރައްވާފައިވަނީ ދިވެހިރާއްޖެއަށެވެ. ޝަރަފުވެރިއެއްގެ ގޮތުން ދަޢުވަތު ދެއްވާފައިވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމަށެވެ.

މި ފޯރަމްގެ އިއްޔެ ހެނދުނުގެ ދަންފަޅީގައި ވަޒީރު އާދަމް ނަޞީރު ވަނީ ދިވެހިތާނައަކުރާއި، އަރަބި އަކުރާ ހުރި ގުޅުމުގެ މައްޗަށް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. މި ފޯރަމުގެ އިފްތިތާޙީ ރަސްމިއްޔާތުގައި ޝާރިޤާގެ ޙާކިމް ޞާޙިބުއްސުމުއްވު އައްޝައިޚް އައްދުކްތޫރު ސުލްޠާނު ބިން މުޙައްމަދު އަލްޤާސިމީ ބައިވެރިވެވަޑައިގަތެވެ.

ޝާރިޤާ ސަރުކާރުން ހުރިިހާ ޚަރަދެއް ހަމަޖައްސަވާ ގޮތަށް ލިބިފައިވާ މި ދަޢުވަތުގައި ވަޒީރު އަރިހުގައި ދިވެހި ޤައުމިއްޔަތުގެ ތާރީޚު ވަރުގެ އިސްވާރު، އަލްއުސްތާޛު ކަށިިމާ އަޙްމަދު ޝާކިރު، އަދި ދިވެހި ޤައުމިއްޔަތުގެ ފަންނުވަރުގެ އިސްވާރު ޢިޝާ ޢަބްދުލްޢަޒީޒު ވެސް ބައިވެރިވެވަޑައިގަތެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ތަރިކަ އިއާދަކުރެއްވުމުގެ ޚިދުމަތަށް އުފެއްދެވި ދިވެހި ޤައުމިއްޔަތުގެ އިސްވަރުން މި ދަތުރުގައި ބޭފުޅުން ބައިވެރިވެވަޑައިގަތީ، ފޯރަމުގައި ވާހަކަ ހުށަހެޅުއްވުމުގެ އިތުރަށް ޒަމާނީ ޓެކްނޮލޮޖީއާ ޢިލްމީ އާ ވިސްނުންތަކާއެކު ދުނިޔޭގައި ތަރިކައިގެ ދާއިރާ ތަމްސީލުކުރާ އުފެއްދުންތެރި އީޖާދީ އާ ގޮތްތަކަށް އަހުލުވެރިވެވަޑައިގެން، ރާއްޖެއަށް އެ ގޮތްތައް ތަޢާރަފުކުރެއްވުމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް