ނޭޕާލްގެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 51 އަށް، ޤައުމަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުން

ނޭޕާލްގައި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ޖެންޒީއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ބޮޑެތި މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 51 އަށް އަރައި ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް އެ ޤައުމަށް ލިބިއްޖެއެވެ.

މި މުޒާހަރާތަކުގެ ސަބަބުން އެ ސަރުކާރަށް ޕްރެޝަރު ބޮޑުވެ، ބޮޑުވަޒީރު ވަނީ އިސްތިއުފާވެސް ދެއްވާފައެވެ.

ނޭޕާލްގެ ޒުވާނުން، އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ތެދުވީ މީސްމީޑިޔާގެ މަންސަތަކުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އަނބުރާ ހޯދުމުގެ ނަމުގައެވެ. ނަމަވެސް، ފެނިގެން ދިޔައީ ބޮޑު މުޅި ދުނިޔެވެސް ސިއްސުވާލި ބޮޑު ހަމަނުޖެހުންގަނޑެކެވެ. އެ ޤައުމުގެ ފުލުހުންނާއި ޢާންމުންގެ މެދުގައި ލޭއޮހޮރުވުން ހިނގައި މަގުތައް ބަންދުކޮށް، ދައުލަތާއި ޢާންމުންގެ މުދަލަށް ގެއްލުންތަކެއް ދީ އިމާރާތްތަކުގައި ހުޅުޖަަހައި، އަނދައި އަޅިޔަަށް ވެގެން ދިޔަ މަންޒަރާއެކު ސަރުކާރުގެ ވެރިންނާއި ޢާންމުންގެ ގެދޮރަށް ވަދެ، ޙަމަލާތައް ދެމުން ދިޔަ މަންޒަރުވެސް ފެނިގެންދިޔައެވެ.

ނޭޕާލްގެ ހެލްތު މިނިސްޓްރީން ބުނީ އެ މުޒާހަރާތަކުގައި ބަޑިން ހަމަލާދީގެން 30 މީހުން މަރުވެފައިވާ ކަމަށާއި 21 މީހަކު މަރުވެފައިވަނީ އެހެނިހެން އަނިޔާތަކުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ނޭޕާލް ފުލުހުންގެ ތިން މީހަކު ހިމެނޭ އިރު، އިންޑިއާއަށް ނިސްބަތްވާ މީހަކުވެސް ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެެ. މަރުވި 51 މީހުންގެ ތެރެއިން 36 މީހެއްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ހޮސްޕިޓަލުގައިވާ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.

ނޭޕާލްގެ ހަމަނުޖެހުންގަނޑާ އެކު، އެ ޤައުމުގެ އިޤުތިޞާދަށް ވެސް މި ވަނީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ކުރިމަތިވެފައެވެ. އަދި މި ގެއްލުންތަކުގެ ސަބަބުން ފަތުރުވެރިންގެ ސަލާމަތަށް ނުރައްވާ ފަދަ ޙާލަތްވެސް މެދުވެރިވެފައިވާތީ، ކުރިމަގުގައި އެ ޤައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ. މިހާރު ވެސް ލިބިފައިވާ ގެއްލުމުގެ އަގު އެތަކެއް މިލިޔަން ޑޮލަރަކަށް އަރަގެން ގޮސްފައިވާ ކަމުގައި އެ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް