ނޭޕާލްގައި ސޯޝަލް މީޑިއާގެ މަޝްހޫރު ހުރިހާ ޕްލެޓްފޯމެއް ބޭންކޮށްފި

ސޯޝަލް މީޑިއާގެ މަޝްހޫރު ހުރިހާ ޕްލެޓްފޯމެއް ނޭޕާލްގައި ބޭނުންކުރުމަށް އެ ގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.

ފޭސްބުކް، އެކްސް، ޔޫޓިއުބް، އިންސްޓަގްރާމް، ޓިކްޓޮކް، ލިންކްޑްއިން، ރެޑިޓް އަދި ވަޓްސްއެޕް ހިމެނޭހެން 26 ޕްލެޓްފޯމެއް ބްލޮކްކުރުމަށް މިހާރު ވަނީ އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކަށް ސަރުކާރުން އަންގައިފަ އެވެ.

މިގޮތަށް އެންގީ މި ޕްލެޓްފޯމްތައް ހަތް ދުވަސް ތެރޭ ސަރުކާރުގައި ރަޖިސްޓްރީކުރުމަށް އެންގި އެންގުމަށް އެއްވެސް ކުންފުންޏަކުން ތަބާނުވުމުން ކަމަށް ސަރުކާރުން ބުންޏެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކުރުމަށް އެންގީ ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި ސުޕްރީމް ކޯޓުން އެންގި އެންގުމަކަށެވެ. އެ އަމުރުގައިވަނީ އަމިއްލަ އަދި އެހެން ގައުމުތަކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ވެސް ނޭޕާލްގައި އޮޕަރޭޓްކުރުމުގެ ކުރިން ރެޖިސްޓްރީކޮށް، އެކަށީގެންނުވާ ކޮންޓެންޓް މޮނިޓަކުރުމަށެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ރަޖިސްޓްރީކުރުމަށް ކުންފުނިތަކަށް ސަރުކާރުން ތަކުރާރުކޮށް އެންގި ކަމަށާއި އެކަމަކު އެއްވެސް ބަޔަކު އިޖާބަ ނުދިން ކަމަށާއި އެޕްލިކޭޝަންތައް ރަޖިސްޓްރީކުރުމާ އެކު އަލުން ހިދުމަތް ލިބޭނެ ކަމަށް ނޭޕާލްގެ ކޮމިއުނިކޭޝަން މިނިސްޓަރު ޕްރިތުވީ ސުބާ ގުރުންގްއާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް