އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ސަޢޫދީއަށް ވަޑައިގެންފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ބާއްވާ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ސަޢޫދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

މި ބައްދަލުވުން އޮންނާނީ މިމަހުގެ 25 ވަނަ ދުވަހު ސަޢުދީ އަރަބިއްޔާގެ ޖިއްދާގައެވެ. މި ބައްދަލުވުމުގައި ގައުމުތަކުގެ ޚާރިޖީ ވަޒީރުން އެއްތަނަކަށް އެއްވެ އިސްލާމީ އުއްމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެއެވެ.

މިއަހަރުގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ ބައްދަލުވުމަކީ އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ކުށްވެރިކޮށް ޣައްޒާއަށް އިންސާނީ އެހީ އެތެރެވުން ހުއްޓުވައި ފަލަސްތީނު ރައްޔިތުންގެ ބިންތައް ފޭރިގަނެ އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދިއުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް އަޑުއުފުލުމަށް ފަލަސްތީން، ތުރުކީ އަދި އިރާން ސަރުކާރުގެ ދަޢުވަތަކަށް އޯއައިސީގެ ހާރިޖީ ވަޒީރުންގެ ފެންވަރުގައި އެ ޖަމުޢިއްޔާގެ ހުރިހާ މެމްބަރު ޤައުމުތަކުގެ ބައިވެރިވުން ހިމެނޭހެން ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ވަޒީރުގެ ތަޤްރީރުގައި، އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދިއުމަށް ނިންމާފައިވާ ނިންމެވުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ މުޅިންހިލާފު ކަމެއްކަމަށާއި މިކަން ހުއްޓުވައި އިސްރާއީލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނާއި، ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ ޤާނޫން ތަންފީޒުކޮށް އިސްރާއީލާ ދެތެރޭ އަޅަންޖެހޭ ފިޔަވަޅު އެޅުމަށްވެސް ގޮވާލާނެއެވެ.

ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިކުރުވާފައިވާ ބަނޑަށްޖެއްސުމުގެ އަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ ޤާނޫނާވެސް ޚިލާފުވުން ކަމުގައިވެސް ފާހަގަކުރައްވާނެއެވެ. އަދި ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަށްވެސް ގޮވާލައްވާނެއެވެ.

ވަޒީރުގެ ތަޤްރީރުގައި މެދުކެނޑުމެއްނެތި އިސްރާއީލުން ޣައްޒާ އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެކަށީގެންވާ ފިޔަވަޅު އެޅިފައިނުވާކަން ފާހަގަކޮށް މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާނެއެވެ. އަދި ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ބަހާއި އަމަލުން މަސައްކަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާނެއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ މައްސަލައާ ގުޅިގެން ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު ހާމަކުރައްވައި ފަލަސްތީނަކީ މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި ދުނިޔޭގެ ގައުމުތަކުން ބަލައިގަތުމަށްޓަކައި ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި އަބަދުވެސް ވަކާލާތުކުރާނެކަމަށް އެމަނިކުފާނުގެ ތަޤްރީރުގައި ހާމަކުރައްވާނެއެވެ.

އޯއައިސީއަކީ ދެގޮތެއްނުވެ ފަލަސްތީނުގެ ހައްޤުގައި ވަކާލާތުކުރަމުންދާ، 57 މެމްބަރު ޤައުމު ހިމެނޭ ޖަމްޢިއްޔާއެކެވެ. ދިވެހިރާއްޖެ އޯއައިސީގެ މެމްބަރަކަށްވެފައިވަނީ 1976އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް