ފަލަސްތީނުގެ ރައްޔިތުންގެ ޖިހާދުގައި، ވީ އެންމެ ފުރިހަމައަކަށް ދިވެހިންވެސް ސާބިތުވެ ތިބެންޖެހޭ: ވަޒީރު

ފަލަސްތީނުގެ ރައްޔިތުން އެ ކުރާ ޖިހާދުގައި، އެމީހުންގެ ހައްޤުގައި ކުޅަދާނަކަން ލިބިގެންވާ އެންމެ ފުރިހަމައަށް ސާބިތުވެ ދެމިތިބެންޖެހޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށާއި ޣައްޒާގެ ހިސާރު ނައްތާލުމަށް ގޮވާލާ ހުކުރު ދުވަހުގެ ހަވީރު ރާއްޖޭގައި ކުރިއަށްގެންދިޔަ ބޮޑު އެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ފަލަސްޠީނަކީ އެ ޤައުމުކާއި ދިވެހި އުންމަތާ އަބަދުވެސް ވަރުގަދަ އުޚުވަތްތެރިކަމުގެ ގުޅުމެއް އޮތް ޤައުމެއް ކަމަށާއި ދިވެހިން މިއަދު އަޑުއުފުލަމުންދަނީ އެ ޤައުމާއި ޤައުމުގެ ރައްޔިތުންނާއި މަސްޖިދުލްއަޤްސާ އަދި ޣައްޒާގެ ދިފާއުގައި މަސައްކަތް ކުރާ މުޖާހިދުންނަށްޓަކައިކަމަށެވެ. އަދި ޔަހޫދީ ދައުލަތުން ޣައްޒާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިހާރުން މިހާރަށް ނައްތާލައި ޣައްޒާގެ ހިސާރު ނައްތާލުމަށް ގޮވާލައްވަމުން ވަޒީރު ވަނީ ބޯޑަރުތައް ހުޅުވާލައި، ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށްވެސް ގޮވާލައްވާފައެވެ.

މީގެ އިތުރުން ވަޒީރު ވަނީ ޔަހޫދީ ދައުލަތުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިސްނީ އަމަލުތަކާއި އެ އަމަލުތައް ހިންގުމުގައި ބައިނަލްއަގުވާމީ ބޮޑެތި ބާރުތަކުން އެ ދައުލަތަށް ވަމުން އަންނަ އެހީތެރިކަންވެސް ކުށްވެރިކުރައްވައި ދިވެހި ހުރިހާ ރައްޔިތުން ފަލަސްޠީނާއި ޣައްޒާގެ ޙައްގުގައި އަޑުއުފުލުގައި ސާބިތުވެ ތިބެންޖެހޭކަން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން ގޮވާލަނީ ޣައްޒާއަށް އޮތް ހިސާރު މިހާރުން މިހާރަށް ނައްތާލާށޭ. ޣައްޒާއަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް މިހާރުން މިހާރަށް ނައްތާލާށޭ. ބޯޑަރުތައް ހުޅުވާލާށޭ އަޅުގަނޑުމެން ގޮވާލަމުން މިދަނީ. އަޅުގަނޑުމެން ކުށްވެރިކުރަން އިޒްރޭލުން ޣައްޒާގެ އަހުލުވެރިންނާ ދެކޮޅަށް ހިންގަމުން އަންނަ ޢުދުވާން. އަދި އަޅުގަނޑުމެން ކުށްވެރިކުރަން ބައިނަލްއަގުވާމީ ބޮޑެތި ބާރުތަކުން އިޒުރޭލަށް ދެމުން ގެންދާ އެހީތެރިކަން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް". ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއީ ޙައްގު ގޮތް ކަމަށާއި ފަލަސްޠީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުވަންދެން އެ ޙައްގުގެ މަތީގައި ދިވެހިން ސާބިތުކަމާއެކުގައި ތިބެންޖެހޭ ކަމަށާއި ސަހުޔޫނީ ބާރުތަކާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަތިވެރި ޖިހާދުގައި ދިވެހި ރައްޔިތުންވެސް ބައިވެރިވާންޖެހޭނެ ކަމަށެވެ. އެގޮތުން، ދުލުން ކަމުގައިވިޔަސް އަދި މުދަލުން ކަމުގައިވިޔަސް އެ މީހަކަށް ބައިވެރިވެވެން އޮތް ގޮތަކަށް އެ ޖިހާދުގައި ބައިވެރިވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް