ޗެމްޕިއަންސް ލީގުގައި އާސެނަލާއި ޑޯޓްމުންޑް 1-1 އިން އެއްވަރުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑާ 1-1 ގެ ނަތީޖާއަކުން އިންގްލެންޑުގެ އާސެނަލް އެއްވަރުވެއްޖެއެވެ.

މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް އާސެނަލަށް ލީޑު ނަގައިދިނީ ވިކްޓަރ ޔޮކެރޭސްއެވެ. އޭނާ ކާމިޔާބުކުރި ހިތްގައިމު ލަނޑާއެކު ފުރަތަމަ ހާފުގައި އާސެނަލްއިން މުޅި މެޗު ކޮންޓްރޯލްކޮށް، އިދިކޮޅު ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ލިބުނު ފުރުސަތުތައް ގޯލަކަށް ބަދަލުކޮށް ލީޑު ފުޅާކުރެވޭ ގޮތެއް ނުވިއެވެ.

ފުރަތަމަ ހާފުގައި އާސެނަލްއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ދެވަނަ ހާފު ފަށައިގެން ޑޯޓްމުންޑުން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ މެކްސިމިލިއަން ބެޔާއެވެ. މި ލަނޑަކީ އެ ޓީމުގެ ޑިފެންޑަރު ޔޯއާން ގަޑޫ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މުޅި މެޗަށް ބަލާއިރު، އާސެނަލްއިން ވަނީ ޑޯޓްމުންޑްގެ ގޯލަށް ޖުމްލަ 30 ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ނަތީޖާ ބަދަލުކުރުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއިރު، މެޗުގެ ފަހުކޮޅު ޑެކްލަން ރައިސް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވަނީ ގޯލުގެ ދަނޑީގައި ޖެހި ބޭރަށް ގޮސްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް