އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލް މެޗު ސެނެގާލުން ދޫކޮށްލި ކަމަށް ބަލައި، މޮރޮކޯއަކީ ޗެމްޕިއަން ޓީމު ކަމަށް އެފްރިކާގެ ފުޓުބޯޅައިގެ މައި އިދާރާ، ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް)އިން ކުރި ނިންމުމަށް ބަދަލުގެނެސް، ޗެމްޕިއަން ޓީމަކީ ސެނެގާލް ކަމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)އިން ކަނޑައަޅައިފިއެވެ.
ޖެނުއަރީ 18 ވަނަ ދުވަހު މޮރޮކޯގެ ރަބަޓްގައި ކުޅުނު ފައިނަލުގެ ފުރިހަމަ ވަގުތު ނިމުނުއިރު މެޗު އޮތީ 0-0 އިން އެއްވަރުވެފައެވެ. ދެން ކުޅުނު އިތުރު ވަގުތުގައި ސެނެގާލުން ލަނޑެއް ކާމިޔާބުކޮށް، 1-0 އިން މޮޅުވުމުން ޗެމްޕިއަން ޓީމަކީ ސެނެގާލް ކަމަށް ރެފްރީ ވަނީ ކަނޑައަޅާފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމުން، އެކަމާ ހިތްހަމަނުޖެހިގެން ސެނެގާލުގެ ކުޅުންތެރިން ދަނޑުން ފޭބުމާއެކު މެޗު ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނެވެ.
އެކަމަށް ބަލައި ކާފްއިން ނިންމާފައިވަނީ ސެނެގާލުން މެޗު ދޫކޮށްލި ކަމަށާއި، 3-0 އިން މޮރޮކޯ މޮޅުވި ކަމަށެވެ. އެ ނިންމުމާ ގުޅިގެން ސެނެގާލުން ކާސްގައި ކުރި އިސްތިއުނާފުގެ މައްސަލަ ބެލުމަށް ފަހު މިއަދު ނިންމީ، ރެފްރީގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ކާސްއިން ކަނޑައެޅި ގޮތުގައި، މެޗުގެ ފަހުގެ ނިންމުމަކީ ރެފްރީގެ ނިންމުމެވެ. ސެނެގާލުގެ ކުޅުންތެރިން ދަނޑުން ފޭބި ނަމަވެސް ރެފްރީ މެޗު ނުނިންމައި، ކުޅުންތެރިން އެނބުރި ދަނޑަށް ނިކުތުމުން މެޗުގެ ބާކީ ބައި ފުރިހަމަކުރި ކަމަށާއި، ސެނެގާލުން ވަގުތީ ގޮތުން ދަނޑު ދޫކޮށްލި ނަމަވެސް މެޗު އެއްކޮށް ދޫކޮށްލިކަން ދޭހަނުވާ ކަމަށް ކާސްއިން ވަނީ ބުނެފައެވެ.





