ހުސާމް ހަސަން ވަކިކޮށް މިސްރުގެ ޤައުމީ ކޯޗަކަށް އަލީ މާހިރު ހަމަޖައްސައިފި

މިސްރުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ހުސާމް ހަސަން މަގާމުން ވަކިކޮށް، އާ ކޯޗަކަށް އަލީ މާހިރު ހަމަޖައްސައިފިކަމަށް މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަން (އީއެފްއޭ) އިން ބުނެފިއެވެ.

އީއެފްއޭ އިން ހާމަކުރި ގޮތުގައި މި ނިންމުން ނިންމީ ފަހަކަށް އައިސް ހިނގާދިޔަ ކަންތައްތަކެއްގެ ސަބަބުން ޤައުމީ ޓީމުގެ އަގަށާއި ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާތީއެވެ. ނަމަވެސް، މި ނިންމުމާ ގުޅޭ އިތުރު ތަފުސީލެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، މިދިޔަ ހަފުތާގައި މިސްރުގެ މީޑިއާ ރެގިއުލޭޝަނުގެ ކައުންސިލުން ހުސާމް ހަސަން އެއްވެސް މީޑިއާއަކަށް ފެނުން މަނާކޮށްފައިވެއެވެ. މިއީ އޭނާގެ ޒާތީ ދިރިއުޅުމުގެ މައްސަލަތަކެއް ފެންމަތިވެ އާންމުވުމާ ގުޅިގެން ނިންމުނު ނިންމެކެވެ.

ހުސާމް ހަސަންގެ އިރުޝާދުގެ ދަށުން މިސްރު، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުން އާޖެންޓީނާ އަތުން ބަލިވިއެވެ.

އާ ކޯޗާއެކު މިސްރު ދެން ނުކުންނާނީ، 2027 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި، ނޮވެމްބަރު 13 އަދި 17 ގައި މަލާވީއާ ދެކޮޅަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް