ދިވެހި ފުލުހުންގެ ޚިދުމަތަކީ ހަމައެކަނި ޖިސްމާނީ ބާރު ބޭނުންކުރުމާއި މަގުމަތީގައި ތިބުމަށް ބިނާވެފައިވާ ކަމެއް ނޫން ކަމަށާއި، ކޮންމެ ފުލުހަކީ ވެސް އިލްމީ ވިސްނުމުގެ އަލީގައި އަމަލީ މައިދާނުގައި ނަތީޖާ ނެރޭ ފަންނީ މީހަކަށް ވާންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީޕީ މި ވާހަކަ ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން 2027 ވަނަ އަހަރަށް އިސްކަންދޭ ދާއިރާތައް ކަނޑައަޅައި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް، އިސްކަންދަރު ކޮށީގައި މިއަދު ފެށި "އެންސީޕީއެލްއީ އެނުއަލް ޕޮލިސިން ކޮންފަރެންސް 2026" ހުޅުއްވައިދެއްވަމުންނެވެ.
މުޖުތަމަޢަށް އަންނަ ބަދަލުތަކާއެކު ފުލުހުންގެ ފަލްސަފާއަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ، ކުށް މަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މިހާރު މާޒީވެފައިވާ ކަމަށެވެ. ޒަމާނީ ފުލުހުންގެ މަސައްކަތަކީ ކުށެއް ހިނގުމުން ހަމައެކަނި ފިޔަވަޅު އަޅައި ތަހުގީގުކުރުން ނޫން ކަމަށާއި، ކުށް އުފެދެން މެދުވެރިވާ އިޖުތިމާއީ، އިގުތިސާދީ އަދި ނަފްސާނީ އަސްލު ސަބަބުތައް ހޯދައި ދެނެގަތުން ވެސް މުހިންމު ކަމަށް ސީޕީ ވިދާޅުވިއެވެ.
އެފަދަ މައްސަލަތަކުގެ އަޑިއަށް ވާސިލުވެވޭނީ އެކަޑެމިކް ރިސާޗާއި އެވިޑެންސް ބޭސްޑް ޕޮލިސިންގެ ތިއަރީތައް އަމަލީ މައިދާނުގައި ތަންފީޒުކޮށްގެން ކަމަށް ވެސް ސީޕީ ފާހަގަކުރެއްވިއެވެ.
ފުލުހުންނަކީ ހަމައެކަނި ހަށިގަނޑު ވަރުގަދަކޮށް ޖިސްމާނީ ބާރު ދައްކާ ބައެއްގެ ގޮތުގައި އޮންނަ ކުށްހީ ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެ، ސީޕީ ވަނީ މިއަދުގެ ގާބިލު ފުލުހެއްގެ ކިބައިގައި މުހިންމު ތިން އަސާސެއް ފުރިހަމަވާންޖެހޭނެ ކަމަށް ފާހަގަކުރައްވާފައެވެ. އެއީ އިލްމީ ގާބިލުކަމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ވިސްނުންތޫނުކަމާއެކު ޖިސްމާނީ ދުޅަހެޔޮކަމެވެ.
މި ކޮންފަރެންސްގައި ހުށަހެޅޭ ދިރާސީ ކަރުދާސްތަކަކީ ހަމައެކަނި އިލްމީ ބަހުސެއްގެ ގޮތުގައި ނިންމާލާނެ އެއްޗެއް ނޫން ކަމަށް ސީޕީ ވިދާޅުވިއެވެ. އެ ކަރުދާސްތަކުން ލިބޭ މައުލޫމާތާއި ހޯދުންތަކަކީ ފުލުހުންގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި ކުރިމަގުގެ ސްޓްރެޓީޖިކް މިސްރާބު ބައްޓަންކުރުމުގެ މައިގަނޑު އަސާސް ކަމުގެ ޔަގީންކަން ވެސް ސީޕީ ދެއްވިއެވެ.
މަސައްކަތުގައި ދަތިތައް ހުރި ނަމަވެސް އެއީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރަހަކަށް ނުވާނެ ގޮތަށް، ފޯކަސް ނުގެއްލުވައި ރައްޔިތުންނަށް ދެވޭ ޚިދުމަތް މިހާރަށްވުރެ ފުރިހަމަކުރުމަށް ހުރިހާ ބައިވެރިން އެކުގައި މަސައްކަތްކުރުމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ.
ނޮވެމްބަރު 8 އިން 10 އަށް ކުރިއަށްދާ މި ކޮންފަރެންސް ބާއްވަނީ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި ސީޕީގެ އިސްނެންގެވުމަށް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓާއި ސްޓްރެޓީޖިކް ޕްލޭނިން އެންޑް ލީގަލް ސާވިސަސް ގުޅިގެންނެވެ.





