ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވާ އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލައިފިއެވެ.
ޝާހިދު އެ ގްރޫޕުން ބޭރުކޮށްލާފައިވާކަން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރަކު ވަނީ ކަށަވަރުކޮށްދީފައެވެ. ޕާޓީގެ ފަރާތުން ބުނާ ގޮތުގައި، މިއީ އެފަދަ ހާލަތްތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލެކެވެ.
ނަމަވެސް ޝާހިދަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އެމްޑީޕީން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ހުޅުމާލޭގައި ދިރިއުޅުއްވާ އެޕާޓްމަންޓުން ޝާހިދު ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭ، ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ޝާހިދު ހައްޔަރުކުރުމަށް ކޯޓުން ނެރުނު އަމުރު، އޭނާގެ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.
ހައްޔަރުކުރުމުގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ، ސިޔާސީ ގޮތުން އޭނާގެ ޝަޚްޞު ކަތިލުމަށް ފަތުރަމުންދާ ވާހަކަތަކަކީ އަސްލެއް ނެތް ދޮގު ވާހަކަ ކަމަށާއި، އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގެންފައެވެ.
އދ. ގެ ޢާންމު މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން ވަނީ އިޢުލާންކުރައްވާފައެވެ.





