ޗައިނާގެ މުބާރާތުގައި ހޮންގް ކޮންގް ކައިރިން ޤައުމީ ފުޓްސަލް ޓީމު 7-0 އިން މޮޅުވެއްޖެ

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޤައުމީ ފުޓްސަލް ޓީމުން، ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ހޮންގް ކޮންގް ކައިރިން 7-0 އިން މޮޅުވެއްޖެއެވެ.

މިއީ ޤައުމީ ފުޓްސަލް ޓީމުގެ ތާރީޚުގައި މެޗަކުން މިހާތަނަށް ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ. މީގެ ކުރިން ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ޕާކިސްތާން 7-1 އިން ބަލިކުރުމެވެ.

ޔިންޗުއާންގެ ލިންގްވޫ ސްޕޯޓްސް ސެންޓަރުގައި ކުޅުނު މެޗުގައި ރާއްޖެއިން ލީޑު ނެގީ ހޮންގް ކޮންގް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އޭގެފަހުން މުޙައްމަދު އިމްރާން އިޝާން އިބްރާހީމް (ސައްޓު) ލީޑު ފުޅާކޮށްދިން އިރު، ތިންވަނަ ލަނޑު ޖަހައިދިނީ ޝަނާން ރަޝާދެވެ. ފުރަތަމަ ހާފު ނިމުނީ 3-0 އިންނެވެ.

ޤައުމީ ޓީމަށް ޝަނާން ޖަހައިދިން ފުރަތަމަ ގޯލަކީ އެއީއެވެ. އޭނާ ޤައުމީ ޖާޒީގައި ކުޅޭ ފުރަތަމަ މުބާރާތަކީ ވެސް މިއީއެވެ.

ދެވަނަ ހާފުގައި ރާއްޖެއިން އިތުރު ހަތަރު ލަނޑު ޖެހިއެވެ. މުޙައްމަދު ސާދު ނިޒާރު ދެ ލަނޑު ޖެހި އިރު، ޝަނާނާއި ސައްޓު ވެސް އިތުރު ލަނޑެއް ޖަހައިދިނެވެ.

ފުރަތަމަ މެޗުގައި ދެކުނު ކޮރެއާ އަތުން 5-1 އިން ބަލިވި ރާއްޖެ، މުބާރާތުގެ ފަހު މެޗުގައި ހޯމަ ދުވަހު ކުޅޭނީ މުބާރާތް ބާއްވާ ޤައުމު ޗައިނާއާ ދެކޮޅަށެވެ. ރޭންކިންގައި ރާއްޖެ އޮތީ 99 ވަނައިގައި ކަމަށްވާއިރު، ހޮންގް ކޮންގް އޮތީ 118 ވަނައިގައި އަދި ޗައިނާ އޮތީ 84 ވަނައިގައެވެ.

ޤައުމީ ޓީމަށް އިރުޝާދު ދެނީ ސާފް ފުޓްސަލް ޗެމްޕިއަންކަން ހޯދައިދިން ކޯޗު ފާރޫޤް ޒަކީރޯވްއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް