އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ލިއޮނެލް މެސީ އޭނާގެ "ލިއޯ މެސީ ފައުންޑޭޝަން" މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ އިޖުތިމާއީ އަދި އިންސާނީ އެހީތެރިކަމުގެ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ސްޕެއިން ސަރުކާރުން ދޭ އެންމެ މަތީ އިޖުތިމާއީ އެވޯޑު އޭނާއަށް އަރުވައިފިއެވެ.
މި ހާއްސަ އެވޯޑު މެސީއަށް އަރުވާފައިވަނީ ކުޑަކުދިންގެ ސިއްހަތާއި، ތައުލީމު އަދި ކުޅިވަރުގެ ދާއިރާއިން އެކުދިންނަށް އާ ފުރުސަތުތައް ހޯދައިދިނުމަށް އޭނާގެ ފައުންޑޭޝަނުން ކުރަމުންދާ އަގުހުރި މަސައްކަތްތަކަށެވެ. ޚާއްޞަކޮށް ސްޕެއިންގެ ބާސެލޯނާގައި ކެންސަރު ބައްޔަށް ފަރުވާހޯދާ ކުޑަކުދިންގެ ހޮސްޕިޓަލްތަކަށް މެސީ ދެމުންދާ އެހީތެރިކަމާއި، ދުނިޔޭގެ އެކި ގައުމުތަކުގައި ހާލުގައިޖެހިފައިވާ ކުދިންގެ ދިރިއުޅުން އާރާސްތުކުރުމަށް ކުރާ މަސައްކަތްތައް ސްޕެއިންގެ ކަމާބެހޭ އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ.
އެވޯޑާ ހަވާލުވުމަށްފަހު މެސީ ބުނެފައިވަނީ، ދަނޑުމަތީގައި ހޯދާ ކާމިޔާބީތަކެކޭ އެއްވަރަށް ދަނޑުން ބޭރުގައި މުޖުތަމައަށް ފައިދާހުރި ކަންކަން ކޮށްދިނުމަކީ އޭނާ އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ. އަދި މިފަދަ އެވޯޑެއް ލިބުމަކީ އިތުރު ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މެސީއަކީ މީގެ ކުރިންވެސް ޔުނިސެފްގެ ގްލޯބަލް ގުޑްވިލް އެމްބަސަޑަރެއްގެ ގޮތުގައި ހުރެ، އިންސާނީ އެހީތެރިކަމުގެ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެފައިވާ ކުޅުންތެރިއެކެވެ.





