ފީފާއިން އާ މުބާރާތްތަކެއް ތައާރަފްކުރުމަށާއި ވޯލްޑް ކަޕް މުބާރާތުގެ ބައެއް ވިޔަފާރި ހައްގުތައް އަމިއްލަ އިންވެސްޓަރުންގެ ކޮންސޯޓިއަމްއަކަށް 25 ބިލިއަން ޑޮލަރަށް ވިއްކާލުމަށް ރާވަމުންދާ މަޝްރޫއާ ގުޅޭ މުހިންމު ސިއްރު ލިޔެކިއުންތައް އާންމުކޮށް ހާމަކުރުމަށް ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ) އިން ފީފާއަށް ގޮވާލައިފިއެވެ.
ޔޫއެފާއިން ބުނާ ގޮތުގައި، ދުނިޔޭގެ ފުޓްބޯޅައަށް ބޮޑެތި ބަދަލުތަކެއް އަންނާނެ މިފަދަ ބޮޑު ނިންމުމެއް ނިންމާއިރު ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަކީ މުޅި ފުޓްބޯޅަ އާއިލާގެ މަސްލަހަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މި މައްސަލައިގައި ޔޫއެފާގެ ރައީސް އަލެކްސަންޑާ ސެފެރިން ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވާ މި ޕްލޭނާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސެފެރިން ފާހަގަކުރެއްވި ގޮތުގައި، ސޮއިކުރަން އުޅޭ އެއްބަސްވުންތަކުގެ މާލީ އަދި ޤާނޫނީ ތަފްސީލުތައް ފީފާ ކައުންސިލްގެ މެންބަރުންނަށާއި މެންބަރު އެސޯސިއޭޝަންތަކަށް ސާފުކޮށް އެނގެންޖެހޭނެއެވެ.
އިންވެސްޓަރުންގެ މި ހުށަހެޅުމުގައި ގްލޯބަލް ނޭޝަންސް ލީގަކާއި، 24 ޓީމު ބައިވެރިވާ ކްލަބް ވޯލްޑް ކަޕެއް އުފެއްދުން ހިމެނެއެވެ. ނަމަވެސް، ޔޫރަޕުގެ ބޮޑެތި ކްލަބްތަކާއި، ލީގުތަކުގެ އިތުރުން ކުޅުންތެރިންގެ ޔޫނިއަންތަކުންވެސް ދަނީ މި މަޝްރޫއުގެ ސަބަބުން ކުޅުންތެރިންގެ މެޗު ތާވަލު ބާރުބޮޑުވެ، ސާފު މައުލޫމާތު ނުލިބޭތީ އަޑުއުފުލަމުންނެވެ. ފީފާއިން މި ކަމާ ގުޅޭގޮތުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައިނުވި ނަމަވެސް، މަޝްރޫއައިގެން ކުރިއަށްދާން ބޭނުންނަމަ ހުރިހާ ލިޔެކިއުމެއް އާންމުކުރަންޖެހޭނެ ކަމަށް ޔޫއެފާއިން ވަނީ ތަކުރާރުކޮށް ބުނެފައެވެ.




