ޔޫއެފާ ކޮންފަރެންސް ލީގުގައި ރޭ ސްވިޑަންގެ ޖިއޯގާޑަން އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް ދިޔުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މި މެޗު ކުޅުމަށް ޗެލްސީއިން ރަށުން ބޭރަށް ނުކުތްއިރު، ޓީމުގެ ކޯޗު އެންޒޯ މަރެސްކާވަނީ އަންނަ ހަފްތާ ޕްރިމިއާ ލީގުގައި ލިވަޕޫލްއާއި ދެކޮޅަށް ކުޅޭ މެޗަށް ޓީމުގެ މުހިންމު ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދިނުމުގެ ގޮތުން ޓީމަށް ބަދަލުތަކެއް ގެނެސްފައެވެ.
ރޭގެ މެޗުގެ 12 ވަނަ މިނެޓުގައި ޖާޑޮން ސަންޗޯ ވަނީ ފުރަތަމަ ލަޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑަކީ އެންޒޯ ފެނާންޑޭޒް ދިން ޕާހަކުން ސަންޗޯ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުޑަ އިރުކޮޅެއް ކުރިން ނޯނީ މަޑޫކޭ ވަނީ އިތުރު ލަޑެއްޖަހައިފައެވެ. އެއާއެކު ދެޓީމުގެ ދެމެދުގައި އޮތް ފަރަގު ބޮޑުވެގެންދިޔައެވެ.
މެޗުގެ ދެވަނަ ހާފަށް ޗެލްސީ އިން ނުކުތްއިރު ކޯޗު މަރެސްކާ ވަނީ ޓީމަށް ބަދަލުތަކެއް ގެނައުމުގެ ގޮތުން، އެންޒޯ ފެނާންޑޭޒް އާއި ނޮނީ މަޑުއޭކޭގެ އިތުރުން ރީސް ޖޭމްސްގެ ބަދަލުގައި ކޯލް ޕާމާ އާއި ނިކޮލަސް ޖެކްސަން އަދި މޯސެސް ކައިސޭޑޯ ކުޅެން އަރުވާފައެވެ.
މި ހާފުގެ 14 ވަނަ މިނިޓުގައި ކޯލް ޕާމާ ދިން ބޯޅައަކުން ނިކޮލަސް ޖެކްސަން ވަަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައިވާއިރު، 65 ވަނަ މިނިޓުގައި ޖެކްސަން ވަނީ އިތުރު ލަނޑެއްޖަހާފައެވެ.
މި މެޗުގައި ޖިއޯގާޑަންއިންވެސް ލަނޑެ ޖަހާފައިވާއިރު، އެއީ މެޗުގެ 68 ވަނަ މިނިޓުގައި އަލެމަޔޭހޯ އެ ޓީމަށް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ޗެލްސީ ވަނީ މީގެ ކުރިން ޗެމްޕިއަންސް ލީގުގެ އިތުރުން ޔޮރޮފާ ލީގުވެސް ކާމިޔާބުކޮށްފައެވެ. މި މުބާރާތުން ޗެލްސީ މޮޅުވެއްޖެނަމަ، އެ ޓީމު ވެގެންދާނީ ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ, ޔުއެފާ އިން އިންތިޒާމް ކުރާ ބޮޑު ތިން މުބާރާތް ކާމިޔާބުކުރާ ފުރަތަމަ ކްލަބަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް