ހިމާޔަތް ހޯދަން އުޅުނު އީރާނުގެ އަންހެން ޓީމު އެންމެ ފަހުން އެނބުރި ގައުމަށް

އޮސްޓްރޭލިއާގައި ސިޔާސީ ހިމާޔަތް ހޯދަން މަސައްކަތް ކުރުމަށްފަހު، އީރާނުގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން އެނބުރި ގައުމަށް އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

"އެންމެ ފުރަތަމަ ވެސް އަހަރެމެން މިތިބީ އީރާނުގައި ތިބެވުމުން ވަރަށް އުފަލުން. ސަބަބަކީ އީރާނަކީ އަހަރެމެންގެ ވަތަން،" އޭޝިއަން ކަޕުގައި ވާދަކުރަން އޮސްޓްރޭލިއާ އަށް ކުދި ދަތުރަށް ފަހު އެނބުރި ގޮސް ޓީމުގެ މިޑްފީލްޑަރު ފާތިމާ ޝައުބާން ބުންޏެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޓީމު އެނބުރި ގައުމަށް އައިސްފައިވަނީ ބުދަ ދުވަހުއެވެ. އެއާޕޯޓަށް އެއްވި މީހުން ވަނީ ގައުމީ ދިދަ ހޫރުވައި، ކުޅުންތެރިންނަށް މާމެލާމެލި ހަދިޔާކޮށްފައެވެ.

"މިހާ ގިނަ ބަޔަކު އަހަރެމެންނަށް މަރުހަބާ ކިޔަން އަންނާނެ ކަމަކަށް އުންމީދެއް ނުކުރަން. އީރާނުގެ ދަރިއަކަށް ވީތީ އަހަރެން ފަޚުރުވެރިވޭ،" ޝައުބާން އިތުރަށް ބުންޏެވެ.

އީރާނުގެ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ފާތިމާ ޕަސަންދީދޭ އާއި އާތިފާ ރަމަޟާނީޒާދޭ ވަނީ އެނބުރި ގައުމަށް ނުގޮސް، އޮސްޓްރޭލިއާގައި މަޑުކޮށްފައެވެ. މި ދެ ކުޅުންތެރިން މިހާރު ދަނީ ބްރިސްބޭން ރޯ ކްލަބާއެކު ތަމްރީނުތައް ހަދަމުންނެވެ.

އޭޝިއަން ކަޕުން ކެޓުމަށްފަހު، އެންމެ ފުރަތަމަ ހިމާޔަތް ހޯދަން އުޅުނު އެހެން ކުޅުންތެރިން ފަހުން ވަނީ ޚިޔާލު ބަދަލުކޮށް، އެނބުރި ގައުމަށް ދާން ނިންމާފައެވެ.

މި ޓީމު މުބާރާތަށް އޮސްޓްރޭލިއާއަށް ދިޔައީ ފެބްރުއަރީ 28 ގައި އީރާނުގެ ހަނގުރާމަ ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގެ ކުރިން ގައުމީ ސަލާމް ކިޔަނިކޮށް ބައެއް ކުޅުންތެރިން ހަނު ތިބުމުން މުޅި ދުނިޔޭގެ ސަމާލުކަން މި ޓީމަށް ލިބުނެވެ. ބައެއް ފަރާތްތަކުން މިއީ އިހުތިޖާޖެއްގެ ގޮތުގައި ސިފަކުރިއިރު، އަނެއް ބަޔަކު ބުނީ އެއީ ހިތާމަ ފާޅުކުރުމުގެ ނިޝާނެއް ކަމަށެވެ.

ނަމަވެސް، ކުޅުންތެރިން މިކަމާ ބެހޭގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ޖެހިގެން އައި ދެ މެޗުގައި ކުޅުންތެރިން ވަނީ ގައުމީ ސަލާމް ކިޔާފައެވެ.

އީރާނުގެ ފުރަތަމަ ނައިބު ރައީސް މުޙައްމަދު ރެޒާ އާރިފް ވިދާޅުވީ، އެނބުރި ގައުމަށް އަންނަ ކުޅުންތެރިންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، ސަރުކާރުން އެ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް