މި އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޤައުމީ ފުޓްސަލް ޓީމުން، ޗައިނާގައި ކުރިއަށްދިޔަ ސީއެފްއޭ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި މުބާރާތް ބޭއްވި ޗައިނާ ކައިރިން 8-3 އިން ބަލިވެ، މުބާރާތުގެ ތިންވަނަ ހޯދައިފިއެވެ.
ހަތަރު ޓީމު ވާދަކުރި މި މުބާރާތް ކުރިއަށް ގެންދިޔައީ ލީގު އުސޫލުންނެވެ. ރާއްޖެއަށް ތިންވަނަ ލިބުނީ، ދެވަނަ މެޗުގައި ހޮންގް ކޮންގްގެ މައްޗަށް 7-0 އިން ހޯދި މޮޅުން ލިބުނު ތިން ޕޮއިންޓާއެކުގައެވެ. މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ވަނީ ދެކުނު ކޮރެއާ އަތުން 5-1 އިން ބަލިވެފައެވެ.
މިއަދު ކުޅުނު މެޗުގެ ކުރީކޮޅު ވިދިވިދިގެން ތިން ލަނޑު ޖަހައި، ޗައިނާއިން ވަނީ ބޮޑު ލީޑެއް ނަގާފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އިޝާން އިބްރާހީމް ލަނޑެއް ޖަހައި ރާއްޖޭގެ ފަރަގު ކުޑަކުރިއެވެ.
ދެވަނަ ހާފުގައި ރާއްޖެއަށް އިތުރު ދެ ލަނޑު ޖަހައިދިނީ ޢަބްދުﷲ ޝާފިޢު އަދި އަޙްމަދު ޙަމީދެވެ. ނަމަވެސް، މެޗު ނިމެން ކައިރިވެފައި ޗައިނާއިން އިތުރު ލަނޑުތައް ޖަހައި 8-3 އިން މެޗު ކާމިޔާބުކުރިއެވެ.
ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޗައިނާއިންނެވެ. ހަ ޕޮއިންޓާއެކު ދެވަނަ ހޯދީ ދެކުނު ކޮރެއާއިންނެވެ.





