5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުއަށް ނާސަރީއެއް ތަރައްޤީކުރުމަށް އެޗްޑީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތިމާވެށީގެ މައިގަނޑު އެއް ވަޢުދު ކަމުގައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޒަމާނީ ނާސަރީއެއް އެޅުމަށް ބޭނުންވާ ބިން ކަނޑައެޅުމަށާއި ނާސަރީ ހިންގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ތާރިޤް އިބްރާހީމެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި ޤާއިމުކުރާ މި ނާސަރީއަކީ 55,000 އަކަފޫޓުގެ ޒަމާނީ ނާސަރީއެކެވެ. މި ނާސަރީގެ ޑިޒައިންކުރުމުގެ މަރުޙަލާ މިހާރު ވަނީ ނިމިފައެވެ. މި ނާސަރީގައި ލެބޯޓަރީއަކާއި، ތަމްރީނުދޭ ކޮޓަރިތަކަކާއި، އޮފީސް ބައެއް އަދި ގްރީންހައުސްއެއް ހިމެނޭނެއެވެ.

މި ނާސަރީއިން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް އުފެއްދުމުގެ އިތުރުން، ޕްރޮގްރާމް ނިމުމަށްފަހުވެސް އޭގެ ފައިދާ ދިގުމުއްދަތަކަށް ލިބޭނެހެން އެޗްޑީސީގެ ބެލުމުގެ ދަށުން ގަސް އުފައްދަމުން ގެންދާނެކަމަށް ވަނީ ހާމަކޮށްފައެވެ.

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް މިހާތަނަށް 6.6 މިލިއަން ގަސް އިންދުމުގެ އަޙުދު ލިބިފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މީގެ އިގެ އިތުރުން، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ތިމާވެށީގެ ދުވަހުގެ ގަސް އިންދުމުގެ ޙަރަކާތްތައް ބޭއްވުމަށް މަސައްކަތްކުރަމުންދާކަންވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް އިތުރު ހިތްވަރަކާއި ކުރިއެރުމެއް ލިބިގެންދާނެކަމަށް ޤަބޫލުކުރެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް