އައްޑޫ ސިޓީ ހިތަދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް، ރަސްމާލޭގެ ފަރަށް އަރައިފިއެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ (ހޮނިހިރު ދުވަހުގެރޭ) 11:15 ހާއިރެވެ. ދޯނި އެރުމުގެ މަޢުލޫމާތު ލިބުމާއެކު ފުލުހުންގެ ކަނޑުމަތީ ލޯންޗުތަކާއި ސިފައިންގެ ކޯސްޓު ގާޑު ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.
ޙާދިސާ ހިނގިއިރު ދޯނީގައި ތިބީ ދިވެހި ކައްޕިއަކާއި ތިން ބިދޭސީން ހިމެނޭހެން ޖުމުލަ 4 މީހުންނެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިނުވާ ކަމަށާއި، ރަސްމާލެ ސަރަހައްދުން ދިޔަ އެހެން އުޅަނދެއް މެދުވެރިކޮށް ދޯނީގައި ތިބި މީހުން ނަގައި ކޯސްޓު ގާޑުގެ އެހީތެރިކަމާއެކު ރައްކާތެރި ސަރަހައްދަކަށް ގެންގޮސްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިހާރު ކުރެވެމުންދަނީ ފަރަށް އަރާފައިވާ މުދާ ދޯނި ފުންކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރަމުން އަންނަނީ ދޯނީގެ ވެރިފަރާތުންނެވެ.



